އެމްޓީސީސީގެ މިދިޔަ އަހަރު ފައިދާ 26 ޕަސެންޓް ދަށްވެއްޖެ
އެމްޓީސީސީގެ މިދިޔަ އަހަރު ފައިދާ 26 ޕަސެންޓް ދަށްވެއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރު ސާފު ފައިދާ 26 ޕަސެންޓް ދަށްވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 41 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 115.3 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ފައިދާއިން އެ ކުންފުނީ ހިއްސާއަކަށް 32 ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ.

އެ ކުންފުނިން އާއްމުކުރި ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ސަރުކާރުން ފެރީ ހިދުމަތަށް ދެމުން އައި ސަބްސިޑީ ކަނޑާލުމުން ޑިސެމްބަރު މަހުގެ ނިޔަލަށް 30 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނެވެ. އެކަމަކު އެމްޓީސީސީން ދެމުން އަންނަ އުޅަނދުފަހަރު އެހެލުމާއި މަރާމާތުކޮށް ދިނުމުގެ ހިދުމަތުން ކުރިން ގެއްލުން ލިބުނު ނަމަވެސް މިދިޔަ އަހަރު އެބައިން ފައިދާވާން ފަށާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނެވެ. އަދި މިދިޔަ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން އެކިއ ކަންކަމަށް 124.8 މިލިއަން ރުފިޔާ އިންވެސްޓްކުރި އެވެ. އެގޮތުން މިދިޔަ އަހަރު ދެ ޕްރީމިއަން ފެރީއަށާއި ޑަބަލް ޑެކާ ފެރީއަށް 18 މިލިއަން ރުފިޔާ އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ މެޝިނަރީތައް ގަތުމަށް 76 މިލިއަން ރުފިޔާ އިންވެސްޓްކުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ޖަލްސާ ބާއްވާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރެ އެވެ.