17 އޯގަސްޓް 2017 - 12:09

ރިޔާޒް (އޮގަސްޓް 17) - ގަތަރުން މި އަހަރު ހައްޖަށް ދާން ބޭނުންވާ މީހުންނަށް ސައުދީގެ ސަލްވާ ބޯޑަރު ހުޅުވާލާނެ ކަމަށް ރިޔާޒުން ބުނެފި އެވެ.
ގަތަރާ މިދިޔަ ޖޫން މަހު ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ސައުދީން ވަނީ އެ ގައުމުގެ ބޯޑަރު ވިޔަފާރި އަށް ބަންދުކޮށްފަ އެވެ. ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ސަލްވާ ބޯޑަރުން ސައުދީ އަށް އެތެރެވާ ގަތަރުގެ ހައްޖުވެރިންނަށް އިލެކްޓްރޯނިކް ހުއްދަ ބޭނުން ނުވާނެ ކަމަށެވެ.
ސައުދީގެ އިތުރުން މިސްރު، ބަހުރޭން އަދި ޔޫއޭއީ އިން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ބޯޑަރު ބަންދުކޮށްފަ އެވެ. ހަތަރު ގައުމުން ގަތަރު ބޮއިކޮޓްކޮށްފައި ވަނީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ.
ސައުދީން ވަނީ އެއްގަމު މަގުން ހައްޖަށް އަންނަ ގަތަރުގެ މީހުންގެ އިތުރުން ވައިގެ މަގުން އަންނަ ގަތަރު މީހުންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ. މި ގޮތަށް ނިންމާފައި ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ ޝެއިޚް އަބްދުﷲ ބިން އަލީ ބިން އަބްދުﷲ ބިން ޖާސިމް އަލް ސާނީ ބޭއްވެވި ބައްދަލުވުމަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.
ގަތަރުން ވަނީ ހައްޖުގެ އަޅުކަން ސައުދީން ސިޔާސީ ކުރަމުންދާ ކަމަށް ބުނެ އދ.ގެ ދީނީ މިނިވަންކަމާ ބެހޭ ޚާއްސަ ރެޕަޓުއާ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި މި އަހަރު ހައްޖަށްދާ ގަތަރު މީހުންނަށް ސައުދީން ތަފާތު ހުރަސްތައް ކުރިމަތިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.