17 އޯގަސްޓް 2017 - 12:58

ށ. ފޯކައިދޫގެ މަސްވެރިއެއް ކަމަށްވާ އަބްދުﷲ ރިޒާ، 36، ގެ ދެ ކިޑްނީގައި ހިލަ އުފެދިފައިވާކަން އޭނާއަށް އެނގުނީ މަންމަ ޑޮކްޓަރަށް ދެއްކުމަށް 2015 ގައި އިންޑިއާއަށް ގޮސް ހުއްޓަ އެވެ. އެކަން އެނގުނުތާ މާ ގިނަ ދުވަހެއް ނުވަނީސް، ރިޒާގެ ދެ ކިޑްނީ ފެއިލްވި އެވެ. އެކަމަކު ކިޑްނީ ހޯދަން އެހެން މީހުން ކުރާ ފަދަ ހަނގުރާމައެއް ކުރާކަށް ނުޖެހުނެވެ؛ އޭނާގެ އަނބިމީހާ ހުރީ އެކަމަށް ތައްޔާރުވެފަ އެވެ.

މިއީ ލޯބީގެ ވެސް ވާހަކައެކެވެ. ފިރިމީހާގެ ދެ ކިޑްނީ ފެއިލްވުމާ އެކު އަނބިމީހާ، އައިޝަތު މުނާ، 32، ބޭނުންވީ އޭނާގެ ގުނަވަން ގުޅޭ ނަމަ ފިރިމީހާއަށް ކިޑްނީ ދޭށެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން މިއަދު އިންޑިއާގައި އެ މީހުން ވަނީ ފަށާފަ އެވެ. އެމްޔޫ ހޮސްޕިޓަލުގައި މިއަދު ހެނދުނު ފެށި އެ އޮޕަރޭޝަން މެންދުރު 2:30ގައި ނިމޭނެ އެވެ.

ދެ ދަރިން ބަލަމުން، ރަށުގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މުނާ، އޭނާގެ އެއް ކިޑްނީ ފިރިމީހާއަށް ހަދިޔާކުރުމުގެ މަގްސަދު ވަރަށް މަތިވެރި އެވެ. އޭނާ ދަންނަ މީހުން ބުނިގޮތުގައި ކިޑްނީ ހަދިޔާ ކުރަން މުނާ ނިންމީ އެ މީހުންގެ ދަރިންނަށްޓަކަ އެވެ.
މަންމަ އާއި ބައްޕަ ކައިރީގައި ތިބެގެން، ރަނގަޅު ދިރިއުޅުމެއް އެ މީހުންނަށް ހޯދައިދިނުމުގެ މަގްސަދުގަ އެވެ.
"މުނާ ބޭނުމެއް ނުވޭ ދަރިން ދޫކޮށްލާފައި، ޑަޔަލިސިސް ހަދަމުން މިހެން މާލޭގައި އުޅޭކަށް. ރަށަށް ބަދަލުވެއްޖެ ނަމަ ޑަޔަލިސިސްއެއް ނުހެދޭނެ. އެހެންވެ، އެގޮތަށް ވިސްނާފައި އޭނާ ކިޑްނީ ހަދިޔާކުރަން ނިންމި ކަމަށް ވަނީ،" ރިޒާގެ އާއިލާއިން ވާހަކަ ދެއްކި މުހައްމަދު އާފިރު ބުންޏެވެ.
ދެ ކިޑްނީ ފެއިލް ވެގެން، ރިޒާގެ ދެމަފިރިން އުޅުނީ ހިތްދަތި ދިރިއުޅުމެކެވެ. ދެމަފިރިންގެ ދިހަ އަހަރުގެ ދަރިއެއް ހުންނައިރު، އެ ދެ މީހުން ވެސް މީގެ ކުރިން ކައިވެންޏެއް ކޮށް ދަރިން ތިބެ އެވެ. އެ ހުރިހާ ކުދިންނަށް ވެސް ހަރަދުކޮށް، ބަލަހައްޓަމުން އަންނަނީ ދެމަފިރިންނެވެ.
ހަފުތާއަކު ތިން ފަހަރު ޑަޔަލިސިސް ހަދަން ޖެހުމުން، އަދާކުރާ ވަޒީފާ އާއި ދަރިން ދޫކޮށްލާފައި ރިޒާގެ ދެމަފިރިން ވިލިމާލޭގައި ދިރިއުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެހެންވެ، މާލީ ގޮތުން އެ މީހުންގެ ހާލަތު ވަރަށް ދަށެވެ.
ރިޒާގެ ކިޑްނީ ފެއިލްވިކަން އެނގުނު ވަގުތު، އާއިލާއިން އެންމެ ފުރަތަމަ ބޭނުންވީ އޭނާގެ މަންމަގެ ކިޑްނީ ހޯދާށެވެ. އެކަމަށް ޓެސްޓުތައް ހެދި ވެސް މެ އެވެ. އެކަމަކު މަންމަ އުމުރުން ދުވަސް ވެފައިވުމުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ނިންމައި އެކަމަށް ދެން އިސްނެގީ މުނާ އެވެ. ނަސީބު ދިމާކުރި ގޮތުން، ކްރޮސްމެޗާއި ދެން ހެދި ޓެސްޓުތައް ވެސް ދިމާވެ އެވެ.
އަނބިމީހާގެ ކިޑްނީ ލިބުނު ނަމަވެސް، އެކަމަށް ކުރަން ޖެހޭ އޮޕަރޭޝަނަށް ބޮޑު ހަރަދެއް ދެ އެވެ. އާއިލާގެ މާލީ ތަނަވަސްކަން އެކަމަށް ތަން ނުދޭތީ ދެން ޖެހުނީ އާއްމުންގެ އެހީތެރިކަމަށް އެދޭށެވެ. އެހެންވެ، ސޯޝަލް މީޑިއާއާއި އެހެން ގޮތްގޮތުން އެކަމަށް ބޮޑު ކެމްޕޭނެއްކޮށް، އޮޕަރޭޝަނަށް ވާވަރަށް ފައިސާ ހޯދި އެވެ.
މި ދެމަފިރިން މިއަދު ބޮޑު އޮޕަރޭޝަނެއް ކުރާއިރު އެންމެންގެ ހެޔޮ ދުއާ ބޭނުން ވެ އެވެ. މިއީ ހަމައެކަނި ދެމަފިރިއަކު އެކުގައި ކުރާ އޮޕަރޭޝަނެއް ނޫނެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ލޯތްބާއި، ދަރިންނަށް މަޔަކުވާ ގުރުބާނީ ފެންނަ އޮޕަރޭޝަނެކެވެ.