17 އޯގަސްޓް 2017 - 10:23

ވޮޝިންޓަން (އޮގަސްޓް 17) - އެމެރިކާގެ ވީޖީނިއާގެ ޗާލޮޓެސްވިލްގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނުގައި ނަސްލީ ގޮތުން ތަފާތުކޮށްފައިވާ ކަމަށް ބުނެ ދެ ކައުންސިލެއްގެ ސީއީއޯ އިން އިސްތިއުފާ ދޭން ފެށުމާ އެކު ވިޔަފާރި ކައުންސިލްތައް އުވާލަން ނިންމައިފި އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ މެނުފެކްޗާރިން ކައުންސިލް އަދި ސްޓްރެޓެޖީ އެންޑް ޕޮލިސީ ފޯރަމްގެ ވިޔަފާރި ވެރިންނަށް ޕްރެޝަރު ބޮޑު ކުރުމަށް ވުރެ ކައުންސުލްތައް އުވާލުން މާ ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
ވިޔަފާރި ކައުންސިލްތައް ޓްރަމްޕް އުފައްދަވާފައި ވަނީ ވަޒީފާގެ ފުރުސަތުތައް އުފައްދާ، އުފެއްދުންތެރިކަމުގެ ދާއިރާ ކުރިއެރުވުމަށެވެ. ބޭނުމަކީ ކުންފުނިތަކުގެ ސީއީއޯ އިންގެ ޚިޔާލާ އެކު ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ގެންދިއުމެވެ. ނަމަވެސް ޗާލޮޓެސްވިލްގައި ބޭއްވި ދޮން މީހުންގެ އެއްވުމެއްގައި ހަމަނުޖެހުން ހިންގުމުގެ ޒިންމާ ދެ ފަރާތުން ވެސް އުފުލަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ސީއީއޯ އިން ވަނީ ޓްރަމްޕާ ފެއަށް ޖެހެން ފަށައިފަ އެވެ. މެނުފެކްޗާރިން ކައުންސިލުން ބުނެފައި ވަނީ އެ ކައުންސިލް ޓްރަމްޕް އުވާލެއްވުމުގެ ކުރިން މެންބަރުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
މެނުފެކްޗާރިން ކައުންސިލްގެ އަށް މެންބަރަކު މި ހަފުތާގައި ވަނީ އިސްތިއުފާ ދީފަ އެވެ. އެމެރިކާގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ސީއީއޯ އިން ހިމެނޭ ސްޓްރެޓެޖީ އެންޑް ޕޮލިސީ ފޯރަމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ނަސްލީ ތަފާތު ކުރުމަށް އެމެރިކާގައި ޖާގައެއް ނޯންނާނެ ކަމަށެވެ. ފޯރަމްގެ ބޭނުމަކީ އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށްވާ އިރު އެ މަގްސަދު ހާސިލް ކުރަން ހުރަސް އެޅޭ ކަންކަމަށް ފުރުސަތު ނުދިނުމުގެ ގޮތުން މެންބަރުން އިސްތިއުފާ ދިނީ ކަމަށް ބުނެފައިވެ އެވެ.