ދިރާގުގެ ބޯޑުން މެމްބަރު ޝާހުގެ ބޭބެ ވަކިކޮށްފި
ދިރާގުގެ ބޯޑުން މެމްބަރު ޝާހުގެ ބޭބެ ވަކިކޮށްފި

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ބޭބެ އަހުމަދު މުހައްމަދު ދީދީ މި ހަފުތާގައި ވަކިކޮށްފި އެވެ.

އެ ބޯޑުގައި ސަރުކާރު ތަމްސީލް ކުރަމުން އައި އަހުމަދު ވަކިކުރިއިރު، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝާހު ވަނީ ސަރުކާރާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު، މިދިޔަ މަހުގެ 10 ގައި ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

އަހުމަދު ދިރާގުގެ ބޯޑުގައި އިންނެވީ ނޮން އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށް ވެސް އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެ އެވެ.

ބޯޑުން އޭނާ ވަކިކުރި ސަބަބެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

ސަރުކާރު ތަމްސީލް ކުރުމަށް އަހުމަދު ދިރާގު ބޯޑަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ. ދިރާގުން ބުނީ އޭނާ ބޯޑުން ވަކި ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އަހުމަދުގެ ބަދަލުގައި އެހެން ބޭފުޅަކު އަދި ބޯޑަށް އައްޔަން ކޮށްފައެއް ނުވެ އެވެ.

ދިރާގުން ބުނީ މިހާރު އެ ކުންފުނީގެ ބޯޑުގައި ތިބީ އަށް ޑައިރެކްޓަރުން ކަމަށެވެ. އޭގެ ތެރެއިން ޗެއާޕާސަން މުހައްމަދު އަޝްމަލީ އާއި ޑެޕިއުޓީ ޗެއާ ޕާސަން އަބްދުއްރަހުމާން ޔޫސުފް ބިން ޔޫސުފް ފަހްރޯ އަދި މެނޭޖިން ޑައިރެކްޓާ އިސްމާއީލް ރަޝީދު ފިޔަވައި ދެން ތިއްބެވި ފަސް ބޭފުޅުންނަކީ ނޮން އެގްޒެކިއުޓިވް ޑައިރެކްޓަރުންނެވެ.