17 އޯގަސްޓް 2017 - 07:23

މެޑްރިޑް (އޮގަސްޓް 17) – ސްޕެނިޝް ސުޕަ ކަޕުގެ ދެ ވަނަ ލެގުގައި ރޭ ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒުގެ ކަކުލަށް އަނިޔާވެ އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އަށް އިތުރު ބޮލުގެ ރިހުމެއް ކުރިމަތިވެއްޖެ އެވެ.
ރެއާލް މެޑްރިޑް އަތުން 2-0 އިން ބާސެލޯނާ ބަލިވި މެޗުގައި ސުއަރޭޒުގެ ކަކުލަށް ލިބުނު އަނިޔާގެ ތަފްސީލް އެނގޭނީ މިއަދު ހަދާ ޓެސްޓްތަކަކުންނެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ސުއަރޭޒަށް ނުކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
ކަކުލަށް އެރި ތަދާ އެކު ވެސް ސުއަރޭޒް މެޗު ފުރިހަމަކުރި އެވެ. އެކަމަކު އޭނާގެ ކަކުލަށް އަނިޔާވެފައިވާ ކަމަށާއި މިއަދު އިތުރު ޓެސްޓްތަކެއް ހަދާނެ ކަމަށް ބާސެލޯނާ އިން ވަނީ ބުނެފަ އެވެ.
އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނޭމާ ޕީއެސްޖީ އަށް ބަދަލުވެފައިވާއިރު ވަލްވޭޑާ ވަނީ ސުއަރޭޒާއި ލިއޮނަލް މެސީ އަށް ބަރޯސާވާން ޖެހިފަ އެވެ. އެހެންވެ މި ދަނޑިވަޅުގައި އަމުދުން، ވާދަވެރި މެޑްރިޑް އަތުން ބަލިވި ބަލިވުމުން އަރައިގަންނަން ޖެހިފައިވަނިކޮށް ސުއަރޭޒް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ނަމަ އެ ޓީމަށް މައްސަލަތަކެއް ދިމާވާނެ އެވެ.