16 އޯގަސްޓް 2017 - 22:53

އިދިކޮޅު އިއްތިހާދުން މިރޭ ކުރިއަށް ގެންދާ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ހައްޔަރުކޮށްފި އެވެ.
ޖޭޕީގެ މައި ޖަގަހަ، ކުނޫޒް ކައިރީގައި ސަމީރު އިންޓަވިއު ދެއްވަނިކޮށް، ހައްޔަރުކޮށް ބިޑި އަޅުވައި ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ވަނީ ގެންގޮސްފަ އެވެ. އޭނާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރި އެވެ.
އިންޓަވިއުގައި ސަމީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް ފުލުހުން ނިކުމެ ހުއްޓުވާއިރު، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމަކީ ކުރިން އެންގުމަކާ ނުލައި ކުރިއަށް ގެންދެވޭނެ ހައްގެއް ކަމަށެވެ. އެ ހައްގަށް ފުލުހުން ހުރަސް އަޅަމުން ދަނީ ގާނޫނާ ޚިލާފަށް ކަަމަށް ވެސް، ކުރިން ރައްޔިތުންގެ މަޖިލިހުގައި ހއ. ދިއްދޫ މެމްބަރުކަން ކުރެއްވި ސަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ފައިސާއާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. ރައީސްގެ އެ ވާހަކަފުޅަކީ "އިއުތިރާފެއް" ކަމަށާއި އެއީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައި މި ދޭތެރެއަކުން ސަމީރު ވަނީ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށްފަ އެވެ.
"ރައްޔިތުންގެ ބަދަލު އިހުތިޖާޖު"ގެ ނަމުގައި މިރޭގެ އެއްވުން ފުރަތަމަ ފެށީ އަތަމާ ޕެލެސް ކައިރީގަ އެވެ. އެކަމަކު ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ފޮނުވާލައިފަ އެވެ.