17 އޯގަސްޓް 2017 - 06:19

މާލޭގައި ހުންނަ ޝްވެކް ސިނަމާގެ ގޮތްޕެއް މިދިޔަ ހަފުތާގެ ތެރޭގައި ހުޅުމާލޭގައި ހުޅުވުމަށް ފަހު، އެތަނުގައި އަޅުވާ ފުރަތަމަ ދިވެހި ފިލްމަކަށް "ނޯޓީ 40" ވެއްޖެ އެވެ.
އެ ފިލްމަކީ މި މަހުގެ ދެވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ފަހު، އެ ސިނަމާގައި 13 ޝޯ ދައްކާފައިވާ ފިލްމެކެވެ.
"ނޯޓީ 40" ގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ހުޅުމާލެ އާއި މާލޭގެ ޝްވެކް ސިނަމާގައި އެ ފިލްމް ދައްކަން ފަށާނީ ހުކުރު ދުވަހުގެ ރެއިން ފެށިގެންނެވެ. ޓިކެޓަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ޝަފީގް ބުނީ ދެ ސިނަމާގައި ފިލްމް ދައްކަން ހަމަޖެހިފައިވާ އިރު، ޝޯތައް ކުރިއަށް ގެންދާނެ އަދަދެއް ކަނޑައަޅާފައި ނެތް ކަމަށެވެ.
"ތަރުހީބު ލިބޭ ވަރަކުން ޝޯތައް ހަމަ ކުރިއަށް ގެންދާ ގޮތަށް ރޭވިފައި އޮތީ،" އޭނާ ބުންޏެވެ.
އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ފިލްމަށް ލިބެމުން ދަނިކޮށް، އޮލިމްޕަހުގެ އެހެން އިވެންޓަކަށް "ނޯޓީ 40" ގެ ޝޯތައް މެދުކަނޑާލަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޝަފީގް ބުންޏެވެ. އަދި ފިލްމް ބަލަން ވަރަށް ގިނަ ބަޔަކު އެދެމުންދާތީ ޝްވެކްގައި އަޅުވަން ނިންމީ ކަމަށް ބުންޏެވެ.
"ނޯޓީ 40" ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވެސް އަންނަނީ ދައްކަމުންނެވެ.
މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ކޮމެޑީއެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި އަހުމަދު ސައީދު، އަލީ ސީޒަން، މުހައްމަދު މަނިކު، މަރިޔަމް އައްޒަ، އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފަދަ ތަރިން ހިމެނެ އެވެ.