ތާޒާ ފެން އުފައްދާ އައިބީއެމަށް އިންޓަނޭޝަނަލް ތިން ސެޓްފިކެޓް ލިބިއްޖެ
ތާޒާ ފެން އުފައްދާ އައިބީއެމަށް އިންޓަނޭޝަނަލް ތިން ސެޓްފިކެޓް ލިބިއްޖެ

ތާޒާ ފެން އުފައްދާ އައިލެންޑް ބެވްރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ ހިދުމަތްތަކަށް އިންޓަނޭޝަނަލް ފެންވަރުންގެ ތިން ސެޓްފިކެޓް ލިބިއްޖެ އެވެ.

ތާޒާ ފެނަށް އައިއެސްއޯ 9001:2015، އައިއެސްއޯ 22000:2005 އަދި އެޗްއޭސީސީޕީގެ ސެޓްފިކެޓް ހަވާލުކުރުން އޮތީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއާ އައިބީއެމްގެ ފަރާތުން ހަވާލުވެވަޑައިިގަތީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

އައިއެސްއޯ 9001:2015 އަދި އައިއެސްއޯ 22000:2005 ސެޓްފިކެޓް ހޯދުމުގެ މަގުސަދަކީ، އައިބީއެމް އިން ބުނިގޮތުގައި، ކުންފުނީގެ މަސައްކަތްތަކުގައި އެއް ހަމައެއް ގާއިމްކުރުމާއި ކޮލިޓީ މެނޭޖްމަންްޓް ސިސްޓަމެއްގެ ގޮތުގައި ރިސްކު ނެގުން އޮތުމުގެ ބަދަލުގައި، ހަމަޖައްސާފައިވާ ހާއްސަ އުސޫލެއް ބޭނުންކޮށްގެން ރިސްކު ނެގުމުގެ މިންގަނޑުތައް ގާއިމްކުރުމެވެ.

ފަޒުލް ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގެ ތިން ސެޓްފިކެޓެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިބީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާ ހަމަައަށް ކޮލެޓީ ފެން ފޯރުކޮށްދޭށެވެ. އާ ސެޓްފިކެޓްތަކާ އެކު އިތުރު ހިތްވަރެއް ލިބިގެން ދިޔަކަން ވެސް ފާހަގަކުރެއްވި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބަންދުކުރި ފެން މާކެޓުގައި އައިބީއެމްގެ ހިއްސާ އިތުރުވީ މަދު އަހަރުތަކެއްގެ ތެރޭގަ އެވެ.

"މީގެ ކުރިން މާކެޓުގައި އައިބީއެމްގެ ތާޒާ ފެނުގެ ހިއްސާ ކުޑަ. އެކަމަކު މަދު އަހަރުތަކެއްގެ ތެރޭގައި އެކަން ބަދަލުވެގެން ގޮސްފައިވަނީ ރައްޔިތުން ތާޒާއަށް ކުރާ އިތުބާރުގެ ސަބަބުން،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތާޒާ ފެން އުފައްދާ އިތުރު ޕްލާންޓުތަކެއް ހުޅުމާލެ އާއި ހދ. ކުޅުދުއްފުށީ އަދި ރ. ދުވާފަރުގައި ގާއިމްކުރަން ވަނީ ހަމަޖައްސާފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ތިމާވެށީގެ ދާއިރާއިން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޕްލާސްޓިކް ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ހަލާކުވާ ކަމަށާއި އޭގެ އަސަރު ޓޫރިޒަމަށް ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްލާސްޓިކް މަދުކޮށް ރާއްޖެއަކީ ސާފު ތަނަކަށް ހަދަން އައިބީއެމް ފަދަ ބޮޑެތި ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވެ އެވެ.

ފެން އުފައްދައި އެ ބަންދުކުރަން ޕްލާސްޓިކް ނޫން ފުޅި ބޭނުންކުރުމަކީ ދެކެވަޑައިގަންނަވަން ބޭނުން ދުވަހެއް ކަމަށާއި އެކަން ކޮށްދޭން މިނިސްޓަރު ވަނީ އައިބީއެމްގެ ކިބައިން އެދިވަޑައިގެންފަ އެވެ.