16 އޯގަސްޓް 2017 - 18:56

ކުނި މެނޭޖްކުރަން ރާއްޖެ އަށް 17.5 މިލިއަން ޑޮލަރު (269 މިލިއަން ރުފިޔާ) ގެ އެހީ ވޯލްޑް ބޭންކުން ދީފި އެވެ.
ވޯލްޑް ބޭންކް ގްރޫޕުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ހިލޭ އެހީގައި ކުރިއަށް ގެންދާ "މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް" ޕްރޮޖެކްޓަށް އެހީ ދިނީ، އެ ބޭންކް ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެންނެވެ. އެ ފައިސާ ބޭނުންކުރާނީ ތިމާވެށްޓާ ރަށްޓެހި ގޮތަކަށް ކުނި ނައްތާލުމަށެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެހީގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ކަމަށެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސްރީ ލަންކާ އާއި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ރިޑިހޮ އެވެ.
އެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެހީގެ ދަށުން މ، ފ، ދ، ތ، އަދި ލ. އަތޮޅުގެ ރަށްތަކުގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ގާއިމްކުރާނެ އެވެ. އަދި މި އަތޮޅުތައް ހިމެނޭ ވޭސްޓް މެނޭޖްމެންޓް ޒޯންގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ވެސް ގާއިމްކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި އެހީ ދޭން ނިންމައި ވޯލްޑް ބޭންކުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ރާއްޖޭގައި އަހަރަކު 365،000 ޓަނުގެ ކުނި އުފެދެ އެވެ. ނިސްބަތުން ބަލާއިރު، މާލޭގެ ކޮންމެ މީހަކު، ކޮންމެ ދުވަހަކު 1.8 ކިލޯގެ ކުނި އުފައްދާ ކަމަށާއި އެހެން ރަށްރަށުގައި އުޅޭ ކޮންމެ މީހަކު 0.8 ކިލޯގެ ކުނި ދުވާލަކު އުފައްދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ރިސޯޓްތަކުގައި އުޅޭ ކޮންމެ މީހަކު ދުވާލަކު އުފައްދާ ކުނީގެ ނިސްބަތަކީ 3.5 ކިލޯ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.