ރައީސްގެ ތަހުގީގު ފެށުމުގެ އަމުރަކަށް ޕީޖީގައި އިދިކޮޅު އިއްތިހާދުން އެދެފި
ރައީސްގެ ތަހުގީގު ފެށުމުގެ އަމުރަކަށް ޕީޖީގައި އިދިކޮޅު އިއްތިހާދުން އެދެފި

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު "އިއުތިރާފް" ވެވަޑައިގެން މައްސަލަ ތަހުގީގުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން އެދި އިދިކޮޅު ފަރާތްތަކުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް މިއަދު ހުށަހަޅައިފި އެވެ.

މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޕީޕީއެމުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވެއްދެވި ކަމަށް އެމަނިކުފާނު ސާފު ބަހުން އިއުތިރާފްވެވަޑައިގެންފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުސް އޮފީހަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ބެލުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން ޕީޖީގައި އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ތުހުމަތުކުރެވޭ އެހެން މައްސަލައެއް ވެސް ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ މި އަހަރު ކުރީކޮޅު ހުށަހަޅާފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ލަސްވާތީ ފަހުން ލިޔުމުން ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އެކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ހަސަން ވިދާޅުވި އެވެ.

ރައީސްގެ "އިއުތިރާފް"، ފުލުހުންނާއި ޕީޖީގެ އިތުރުން އޭސީސީއަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހުށަހަޅާފަ އެވެ. އަދި މިކަމާ ގުޅުން ހުރި މައްސަލަތަކެއް، ރައްޔިތުންގެ މަޖިލީހާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވެސް އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެވެ.

ހަސަން ވިދާޅުވީ އެންއައިސީއަށް ހުށަހެޅީ، ރައީސްއާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގުކުރަމުން ނުދާތީ، އެއީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ޒިންމާ ނަންގަވަން ޖެހޭ ކަމަކަށް ވާތީ، އޭނާގެ މައްސަލަ ކަމަށެވެ.

މަޖިލީހަށް ހުށަހެޅީ، އޭސީސީއަށް ހުށަހެޅި ރައީސްގެ މައްސަލަ ނުބަލާތީ، އެ ކޮމިޝަނުގެ ފަސް މެމްބަރުން މަޖިލީހަށް ހާޒިރުކުރުމަށް ކަމަށް ހަސަން ވިދާޅުވި އެވެ.

"އެންޓި ކޮރަޕްޝަންގެ ގާނޫނުގައި ވަރަށް ސާފުކޮށް ބުނޭ އެއްވެސް ފަރާތެއްގެ ނުފޫޒަކަށް، ބިރު ދެއްކުމަކަށް ނުބަލައި، އެތަނުން ބަލަން ޖެހޭނެ ކަމަށް. ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް ޔާމީންގެ ނުފޫޒު އެ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ފޯރައި، އެތަނަށް ހުށަހެޅޭ މައްސަލަތައް ނުބަލާތަން. ކޮމިޝަންގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރަން މި ހުށަހެޅީ އެހެންވެ،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން މި މައްސަލަތައް ތަހުގީގުނުކުރި ނަމަވެސް، މިއީ ރާއްޖޭގައި މިހާތަނަށް ހިންގި ކޮރަޕްޝަނުގެ އެންމެ ބޮޑު މައްސަލައަށް ވާތީ، ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީގައި ނަމަވެސް އެކަން ތަހުގީގު ކުރާނެ ކަމަށެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ހެދި "ރުމާލު 2" ޖަގަހަ ހުޅުވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭއިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށެވެ. އަދި އެ ފައިސާ ޚަރަދުކޮށްގެން އިންތިޚާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ނަމަވެސް ވެރިކަން ކުރާ ޕީޕީއެމުން ފަހުން ބުނެފައި ވަނީ އަދީބުގެ ޚިޔާނާތުގެ ފައިސާއާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މާނަ ބަޔަކު އޮޅުވާލީ ކަމަށެވެ.