ލޮލުގައި އިންފެކްޝަނެއް އުފެދިގެން އަމީތު ޑޮކްޓަރަށް ދައްކައިފި
ލޮލުގައި އިންފެކްޝަނެއް އުފެދިގެން އަމީތު ޑޮކްޓަރަށް ދައްކައިފި

ދޫނިދޫގައި ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ލޮލުގައި އިންފެކްޝަނެއް އުފެދިގެން މާލެ ގެނެސް ޑޮކްޓަރަށް މިއަދު ދައްކައިފި އެވެ.

އަމީތުގެ ބޭބެ، އަބްދުﷲ އަމީން ވިދާޅުވީ މާލެ ގެނެސް އައިކެއާ އަށް ދެއްކިއިރު އަމީތުގެ ލޯ ހުރީ ވަރަށް ބޮޑަށް ދުޅަވެ، އިންފެކްޓްވެފައި ކަމަށެވެ. ދޫނިދޫގައި ބަންދުކުރި ފަހުން، އަމީތުގެ ސިއްހީ ހާލަތު ގޯސްވަމުން ދާއިރު، ކަމާ ބެހޭ ފަރާތްތަކުން އާއިލާ އަށް އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

"މިއަދު ވެސް އަމީތު މާލެ ފޭބި ތަނުން ފެނުނީ، ލޯ ވަރަށް ބޮޑަށް ދުޅަވެފައި ހުއްޓާ. އަމީތު ރޭ ނުވެސް ނިދާ ކަމަށް ވަނީ. މިއަދު ލޯ ސަަކަރާތް ވެގެން ގެނައިއިރު، މީގެ ކުރިން މައިބަދައިގެ މައްސަލައެއް ކުރިމަތިވެގެން ވެސް ޑޮކްޓަރަށް ދައްކައިފި،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމީތުގެ ހާލު ގޯސްވަމުން ދަނީ އޭނާ ބަހައްޓާފައި ހުރި ގޮޅީގެ ގޮތުންނެވެ. އެތަނުގައި ސާފު ބޯފެން ނުލިބޭއިރު، ހޫނު ގަދަވެފައި އެއީ އިންސާނުން ބައިތިއްބާ ވަރަށް ވުރެން ސާފުތާހިރު ކަން ކުޑަ ގޮޅިތަކެއް ކަމަށް އަމީތުގެ ވަކީލުން ވެސް ވަނީ ވިދާޅުވެފަ އެވެ.

އަމީތު ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަތް ކަމަށް ބުނެ އެވެ. އޭނާއަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަ މެމްބަރުންގެ ތެރެއިން އެކެކެވެ.

އަމީތުގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ޚިލާފަށެވެ.

ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓަށް ހަތަރު މެމްބަރަކު ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.