16 އޯގަސްޓް 2017 - 15:58

ޕީޕީއެމް ކައުންސިލްގެ ކުރީގެ މެމްބަރު އައިމިނަތު ނާދިރާ އެ ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމި ނިންމުން ޕީޕީއެމްގެ އިސްތިއުނާފް ކޮމެޓީއަށް ހުށަހެޅުމެއް ނެތި، އޭނާ ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ނިންމެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ނާދިރާ ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅަން ނާދިރާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމުގައި ވަނީ ސުލޫކީ ކޮމެޓީގެ އެ ނިންމުމަކީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް ކަނޑައަޅައި ދެވެން ނެތް ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައި ފާހަގަކޮށްފައިވަނީ ސުލޫކީ ކޮމެޓީގެ އެ ނިންމުން ނާދިރާގެ ފަރާތުން ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ހުށަހަޅާފައި ނެތުމެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިިސްތިއުނާފް ކޮމެޓީއަށް ހުށަހެޅުމެއް ނެތި، އެކަމުގައި ޝަރީއަތަށް ހުށަހެޅުމަކީ ޕާޓީގެ އެތެރޭގެ އިޖްރާއަތުތަކުގެ ބާރު ކެނޑިގެންދާނެ ކަމެއް ކަމަށް ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި ހުކުމުގައިވެ އެވެ.
އިސްތިއުނާފް ކޮމެޓީ އަށް ހުށަހެޅުމެއް ނެތި އެ މައްސަލާގައި ޝަރީއަތުން ގޮތެއް ނުނިންމޭނެ ކަމަށް ހުކުމުގައި އޮތަސް، އެ ހުކުމުގައިވާ ގޮތުން ސުލޫކީ ކޮމެޓީން އެ ނިންމުން ނިންމުމުގައި ނާދިރާގެ ފަރާތުން އައްޔަން ކުރަންޖެހޭ ދެ މެމްބަރުން ހުށަހަޅަން ޕާޓީން ފުރުސަތު ދީފައެއް ނުވެ އެވެ. ނާދިރާގެ ފަރާތުން ދެ މެމްބަރުންގެ ނަން ހުށަހަޅަން ފުރުސަތު ދިން ކަމަށް ޕީޕީއެމުން ބުންޏަސް ގަވާއިދުގައި ބުނާ ގޮތުގެ މަތިން 24 ގަޑިއިރުގެ މުއްދަތެއް އެކަމަށް ނާދިރާ އަށް ލިބިފައި ނުވާ ކަމަށް ހުކުމުގައި ވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި މަސައްކަތް ކުރައްވާ ނާދިރާގެ އިތުރުން މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އޭރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އެ މައްސަލަ ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.