16 އޯގަސްޓް 2017 - 15:06

ލިޒްބަން (އޮގަސްޓް 16) - ޕޯޗުގަލްގެ ޓައުނެއް ކަމަށްވާ މަދެއިރާގައި ބޮޑު ގަހެއް ވެއްޓުމުގެ ސަބަބުން 13 މީހުން މަރުވެ 49 މީހުން ޒަޚަމްވެއްޖެ އެވެ.

ގަސްވެއްޓިފައި ވަނީ ދީނީ ހަފުލާއެއް ކުރިއަށް ދަނިކޮށެވެ. ހަފުލާގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކު މަޖާ ކުރަނިކޮށް ގަސް ވެއްޓުމާ އެކު އެތައް ބަޔަކަށް ވަނީ ބިރުވެރިކަން ކުރިމަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަ ދެ ކުއްޖަކު ވެސް ހިމެނެ އެވެ. އަދި ޒަޚަމްވި މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވެއްޓިފައި ވަނީ 200 އަހަރުވީ ގަހެކެވެ. ގަސްވެއްޓުނު މަދެއިރާގައި ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފަ އެވެ. އަދި ރައީސް މާސެލޯ ރެބެލޯ ޑި ސޯސާ ވަނީ އެ ޓައުނަށް ވަޑައިގެން ހިތާމައިގައި ބައިވެރިވެވަޑައިގެންފަ އެވެ.
ގަސް ވެއްޓުނު މަދެއިރާ ޓައުނަކީ ޔޫރަޕުގެ ޓޫރިސްޓުންގެ މަގްބޫލް ޓައުނެކެވެ. އިމަޖެންސީ އޮފިޝަލުން ދަނީ ގަސް ވެއްޓުނު ޓައުނުގައި ހަރަކާތްތެރިވަމުންނެވެ. މަދެއިރާގެ ހެލްތު ސެކްރެޓަރީ ޕެޑްރޯ ރާމޯސް ވިދާޅުވީ ޒަޚަމްވި މީހުންގެ ތެރޭގައި ޖާމަން، ހަންގޭރީ އަދި ފްރާންސް މީހުން ހިމެނޭ ކަމަށެވެ.