17 އޯގަސްޓް 2017 - 06:21

އަމިއްލަ ގައުމަށް ރަނގަޅު ކަމެއް ކޮށްދޭން ކޮންމެ ބަޔަކު ވެސް ބޭނުންވާނެ އެވެ. ސެމްސަންގުން ވެސް ކަންކުރަނީ އެ ގޮތަށެވެ؛ އެ ކުންފުނިން ނެރޭ ބާރުގަދަ ފޯނުތަކުގެ ޚާއްސަ އަދަދެއް، އަމިއްލަ ގައުމަށް ޚާއްސަކުރެ އެވެ. އެހެން ގައުމުތަކުގައި ބޭނުންކުރަން ނުލިބޭ ޓެކްނޮލޮޖީ، ސައުތު ކޮރެއާގައި ބޭނުންކުރެ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 8 އާންމުކުރުން އަދު ނޫން މާދަމާ އަށް ވެފައި ވާއިރު، ސައުތު ކޮރެއާ އަށް ޚާއްސަ އަދަދެއް ނެރޭނެ ކަމަށް ބުނާތީ އިވެން ފަށައިފި އެވެ. އެއީ "ނޯޓް 8 އެމްޕެރާ އެޑިޝަން" އެވެ.
ގެލެކްސީ އެސް8 ނެރުމުގައި ވެސް ސެމްސަންގުން މި ކަހަލަ ކަމެއް ކުރި އެވެ. އެސް8ގެ 64ޖީބީ ސްޓޯރޭޖް 4ޖީބީ ރޭމްއާ އެކު އާންމު މާކެޓަށް ތައާރަފުކޮށް، އެސް8ގެ 128ޖީބީ ސްޓޯރޭޖް 6ޖީބީ ރޭމްއާ އެކު ސައުތު ކޮރެއާ މާކެޓަށް ނެރުނެވެ. އެކަމަކު އެއީ ވަކި އަދަދަކަށެވެ. މި ގޮތަށް ނެރޭ ފޯނުތައް، ސެމްސަންގަށް ފެނިއްޖެ ނަމަ، ދުވަސްތަކެއް ފަހުން އާންކުރުމަކީ ވެސް އެ ކުންފުންޏަށް އޮތް އިޚުތިޔާރެކެވެ.
ނޯޓް 8 އެމްޕެރާ އެޑިޝަން އެހެން ފޯނުތަކުގެ މައްޗަށް ބާރުގަދަވާ ސަބަބުތައް ގިނަ އެވެ. އެއީ އިންޓާނަލް ސްޓޯރޭޖް 256 ޖީބީ އެވެ. ހަމައެކަނި ސައުތު ކޮރެއާގައި ވިއްކާނެތީ އެވެ. ފޯނުގައި 6ޖީބީ ރޭމް އިންނާތީ އެވެ. އަދި އެހެން ފޯނުތަކުގައި ނެތް ފަސޭހަތައް ހިމަނާނެ ކަމަށް ވާތީ އެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 8 ތައާރުފުކުރާނެ ކަމަށް ބެލެވެނީ މި މަހު 23 ވަނަ ދުވަހު އެވެ. ނޯޓް 8ގެ ސްކްރީންގައި 6.3 އިންޗި ހުންނާނެ ކަމަށް ބުނެވެ އެވެ. ފޯނުގެ ބާރުގަދަ އެމޯލެޑް ސްކްރީން ތަރައްގީކޮށްފައި ވަނީ 1440 ގުނަ 2960 ރިޒޮލޫޝަން ފަސޭހަކަމާ އެކު ކުޅެވޭ ފެންވަރަށެވެ.