ޔުއެފާ އެވޯޑަށް ރޮނާލްޑޯ، މެސީ އަދި ބުފޮން ވާދަކުރަނީ
ޔުއެފާ އެވޯޑަށް ރޮނާލްޑޯ، މެސީ އަދި ބުފޮން ވާދަކުރަނީ

ލަންޑަން (އޮގަސްޓް 16) – ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ނަން ޝޯޓްލިސްޓްކޮށްފި އެވެ.

ދުނިޔޭގެ މަޝްހޫރު 80 ކޯޗުންނާއި 55 ނޫސްވެރިންގެ ވޯޓުން މި ތިން ކުޅުންތެރިން ޝޯޓްލިސްޓްކުރިއިރު މަގާމް ލިބޭ ކުޅުންތެރިއާ އިއުލާންކުރާނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ އެވެ. ބުފޮން އަލަށް ނޮމިނޭޓްވިއިރު ރޮނާލްޑޯ އާއި މެސީ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ފަހަރު އެވޯޑް ހާސިލްކޮށްފަ އެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން އުމުރުން 39 އަހަރުގެ ބުފޮން ވަނީ މި އަހަރު ޔުވެންޓަސްއާ އެކު އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުން ރެއާލް މެޑްރިޑް އަތުން ބަލިވި ނަމަވެސް މުބާރާތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕް ލީގު ކާމިޔާބުކުރިއިރު އެންމެ ބޮޑު ހިއްސާއެއްވީ ރޮނާލްޑޯ އެވެ.

ބާސެލޯނާއާ އެކު މެސީ މިދިޔަ އަހަރު ކާމިޔާބުކުރީ ސްޕެނިޝް ކަޕް އެކަންޏެވެ. އެކަމަކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މި ތިން ކުޅުންތެރިންގެ އިތުރުން ގަދަ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗާއި ޓޯނީ ކްރޫޒާއި ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ އާއި ރެއާލް މެޑްރިޑުގެ ސާޖިއޯ ރާމޯސް އާއި މޮނާކޯގެ ކީލިއަން އެމްބާޕޭ އާއި ބަޔާން މިއުނިކުގެ ރޮބަޓް ލެވޮންޑޮސްކީ އަދި މެންޗެސްޓާ ޔުނައިޓެޑުގެ ޒަލަޓާން އިބްރަހިމޮވިޗެވެ.