ވިޔަފާރި ބަނދަރަށް ބޭނުންވާ އުޅަނދުތައް ގެންނަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ވިޔަފާރި ބަނދަރަށް ބޭނުންވާ އުޅަނދުތައް ގެންނަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 އުޅަނދެއް ހޯދުމަށް ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޕީއެލްގެ ސީއީއޯ އަބްދުﷲ ޖުނައިދެވެ. ސަނީ ހެވީ އިންޑަސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އިންޑިއާ ޑިވިޝަންގެ ސީއީއޯ ދީޕަކް ގަރެވެ.

މި ރަސްމިއްޔާތުގައި ޖުނައިދު ވިދާޅުވި ގޮތުގައި އަލަށް ގެންނަނީ ހަ ރިޗް ސްޓިކާ އުޅަނދާއި 10 ޓްރެއިން ކްރޭނާއި ދެ ފޯކް ލިފްޓް ޓްރަކު އަދި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ އެވެ. އެ އުޅަނދުތައް ކުރި އަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރި ބަނދަރަށް ރަނގަޅު އިކުއިޕްމަންޓް ނުގެންނަތާ 10 ވަރަކަށް އަހަރުވެއްޖެ،" ބަނދަރުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރައްވައި ޖުނައިދު ވިދާޅުވި އެވެ.

ބަނދަރުތަކުގައި ބޭނުން ކުރާ އުޅަނދު އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު ފަސް ކުންފުނީގެ ތެރޭގައި ހިމެނޭ ސަނީ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ، ޖުނައިދު ވިދާޅުވި ގޮތުގައި، އެމްޕީއެލް އިން ސީދާ އެ ކުންފުންޏާ ވާހަކަ ދައްކައިގެންނެވެ. އެއިރުން ސަރުކާރަށް 100 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ދީޕަކް ވިދާޅުވީ ސަނީ ކުންފުންޏަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އަލަށް މި ގެންނަ އުޅަނދުތަކުގެ އިތުރުން، އެމްޕީއެލް އިން ވަނީ އާ ފަސް ފޯކް ލިފްޓު ވެސް ހޯދާފަ އެވެ. އެ ތަކެތި ވަނީ ރޭގެ ވަގުތެއްގައި ލިބިފަ އެވެ.