16 އޯގަސްޓް 2017 - 11:40

ހަރާރޭ (އޮގަސްޓް 16) - ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ސައުތު އެފްރިކާ އަށް ކުރެއްވި ދަތުރެއްގައި 20 އަހަރުގެ މޮޑެލްއަކަށް ހަމަލާދެއްވައިފި އެވެ.
ޖޮހަނަސްބާގުގެ ހޮޓަލެއްގައި މޮޑެލްގެ ނިތްކުރީގައި ކަރަންޓް ސޮކެޓް ބޯޑަކުން ޖަހާ ފަޅާލި މައްސަލާގައި ގްރޭސް ކޯޓަށް ހާޒިރުވާން ސައުތު އެފްރިކާ ފުލުހުން އެންގި އެވެ. ނަމަވެސް އެކަމަނާ ވަނީ ކޯޓަށް ހާޒިރު ނުވެ އެނބުރި ޒިމްބާބުވޭ އަށް ވަޑައިގެންފަ އެވެ. މޮޑެލް ބުނީ އޭނާގެ ނިތްކުރީގައި ޖެހީ ހޮޓާތެރޭގައި ހިނގި ޒުވާބެއްގައި ކަމަށެވެ. އޭނާ ވަނީ ނިތްކުރި މަތިން ފަޅައިގެންގޮސްފައިވާ ތަނުގެ ފޮޓޯއެއް ވެސް އާއްމުކޮށްފަ އެވެ.
ސައުތު އެފްރިކާ ފުލުހުން ބުނީ ގްރޭސް ފުލުހަށް ހާޒިރު ކުރުމާ ބެހޭ ގޮތުން އޭނާގެ ވަކީލުންނާ މަޝްވަރާ ކުރި ކަމަށެވެ. އަދި ފުލުހަށް ހާޒިރުވާން އެއްބަސްވި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެކަމަނާ އެނބުރި ޒިމްބާބުވޭ އަށް ވަޑައިގެންނެވީ ކޮން އުސޫލެއްގެ ދަށުން ކަމެއް ނޭނގެ އެވެ. ޒިމްބާބުވޭގެ އޮފިޝަލުން ވަނީ ގްރޭސް އެ ގައުމުގައި ހުންނެވިކަން ރޮއިޓާސް އަށް ޔަގީން ކޮށްދީފަ އެވެ.