16 އޯގަސްޓް 2017 - 11:41

ޖިނާއީ އިޖްރާއަތުގެ ގާނޫނު އައިއިރު ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން ދައުވާ ނުކޮށް ތިބި ބައެއް މީހުންނަށް ދައުވާ އުފުލަން ދިން މުއްދަތު ރޭ ހަމަވެއްޖެ އެވެ.
ޖުލައި 2 ގައި އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ބަންދު ކޮށްފައި ތިބި މީހުންގެ މައްޗަށް މި މަހުގެ ދެ ވަނަ ދުވަހު ދައުވާ އުފުލަން ޖެހޭނެ އެވެ. އަދި ބަންދުން ދޫކޮށްލާފައި ތިބި މީހުންގެ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވީ ރޭ 12 އަށެވެ.
މީގެ އިތުރުން ބަންދުނުކޮށް ބަލަމުން އައި މައްސަލަތަކުގައި ހިމެނޭ މީހުންގެ މައްޗަށް ހިނގާނީ އިޖުރާއަތުގެ ގާނޫނުގެ އާންމު އުސޫލެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 95 ވަނަ މާއްދާ ބުނާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާއިރު ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތަކުގައި އަމަލްކުރާނެ ގޮތެއް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެ މުއްދަތު ރޭ މެންދަމު 12:00 ގައި ހަމަވުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ ކުރަން ޖެހޭ މައްސަލަތައް ކޯޓަށް ފޮނުވައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ދައުވާ ކުރަން ފެންނަ ހުރިހާ މައްސަލަތަކެއް މިހާރު ކޯޓުތަކަށް ފޮނުވާފައިވާ ކަމަށެވެ. ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަތައް ނިންމުމަށް ރޭ މެންދަމު ވެސް ޕީޖީ އޮފީހުގައިި މަސައްކަތް ކުރި އެވެ.
"އަޅުގަނޑުމެންނާ ހަމައަށް ފޮނުވަން ޖެހޭ މައްސަލަތައް ފުލުހުންނަށް ފޮނުވުނީ ވެސް ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި. އެ މުއްދަތު ހަމަވުމުގެ ކުރިން އަޅުގަނޑުމެން މިހާރު ވަނީ ހެއްކަށް ބަލާއިރު ދައުވާ ކުރަން ޖެހޭ ކަމަށް ފެންނަ ހުރިހާ މައްސަލަތަކެއް ކޯޓަށް ފޮނުވާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު ކޯޓަށް ފޮނުވި މައްސަލަތަކުގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.