މަގާމުން ދުރުކުރި މައްސަލަ އަލުން ބަލައިދޭން ނަވާޒް ޝަރީފް ކޯޓަށް ހުށަހަޅުއްވައިފި
މަގާމުން ދުރުކުރި މައްސަލަ އަލުން ބަލައިދޭން ނަވާޒް ޝަރީފް ކޯޓަށް ހުށަހަޅުއްވައިފި

އިސްލާމްއާބާދު (އޮގަސްޓް 16) - ބޮޑު ވަޒީރުކަމުގެ މަގާމުން ދުރު ކުރަން ސުޕްރީމް ކޯޓުން ނިންމި މައްސަލަ އަލުން ބަލައި ދިނުމަށް ނަވާޒް ޝަރީފް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ޖުލައި 28 ވަނަ ދުވަހު ނަވާޒް ޝަރީފް އިސްތިއުފާ ދެއްވީ މަގާމުގައި ދެމިހުންނެވުމުގެ ޝަރުތު ނަވާޒް ޝަރީފުގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ. އެއީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ.

ނަވާޒް ޝަރީފުގެ ޕީއެމްއެލް-އެންގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ އަލުން ބަލައިދިނުމަށް އެދި ނަވާޒް ޝަރީފުގެ ފަރާތުން ތިން ސިޓީއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"މައްސަލަ އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމަކީ އަޅުގަނޑުމެންނަށް ލިބިގެންވާ ހައްގެއް. ކޯޓުގެ އެ ނިންމުން ޕާކިސްތާނުގެ ރައްޔިތުން ގަބޫލްކޮށްފައެއް ނުވޭ،" ޕީއެމްއެލް-އެންގެ އޮފިޝަލް ޖާން އަޗަކްޒައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ މުރާޖައާ ކުރުމަށް އެދި ނަވާޒް ޝަރީފުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ ބަލާނެ ކަމަށް ބެލެވެނީ ނަވާޒް ޝަރީފް މަގާމުން ދުރު ކުރަން ނިންމި ފަސް ފަނޑިޔާރުން ކަމަށެވެ.

ޕެނަމާ ޕޭޕާސްގެ މައްސަލައިގައި ނަވާޒް ޝަރީފް މަގާމުން ދުރު ކުރުމަށް ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެޕްރީމް މަހު ނިންމާފައި ވަނީ މަގާމުން ދުރު ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. އެ ފަހަރު ނަވާޒް ޝަރީފާ އެއްކޮޅަށް ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 3-2 ގެ ވޯޓުންނެވެ. އަދި ޚާއްސަ ކޮމިޝަނަކުން މައްސަލަ ތަހުގީގު ކުރުމަށް ސުޕްރީމް ކޯޓުން އެންގި އެވެ.

ނަވާޒް ޝަރީފުގެ ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި ބޮޑު ވަޒީރުކަމުގެ މަގާމުން ދުރުކުރި ނަމަވެސް ނަވާޒް ޝަރީފް ހުންނެވީ ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިގަންނަވާ ގޮތަށް ނޫނެވެ.