16 އޯގަސްޓް 2017 - 11:19

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ފިއްތައި، އެތައް މެމްބަރުންނެއް "ކަސްތޮޅު" އަޅުވައި ބަންދުކުރުމަށް ފަހު، އެ ބޭފުޅުންނަށް އިޝާރާތް ކުރައްވައި ވަކި ކަންތައްތަކެއް ކުރަން ރައީސް އަބްދުﷲ ޔާމީން ގޮވާލެއްވުމަކީ ފިނޑި އަމަލެއް ކަމަށް އިދިކޮޅު ޕާޓީތަކުން އިއްޔެ ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާނޫނީ ވަކީލް، ހިސާން ހުސެއިން ވިދާޅުވީ ޕޯޑިއަމްތަކަށް އަރާވަޑައިގަނެ، އިދިކޮޅު ފަރާތްތަކުން ވަކި ކަންތައްތަކެއް ކުރަން ތަކުރާރުކޮށް ރައީސް ޔާމީން ގޮވާލައްވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި މިވެނި ކަންތައްތަކެއް ކުރުމަށާއި ވަކި ކަންތައްތަކެއްގައި އެހީތެރިވެދޭން ވެސް ގޮވާލައްވާ ކަމަށް ވިދާޅުވި އެވެ.
ހިސާން އެ އިޝާރާތް ކުރެއްވީ ގައުމުގެ ކަންކަން ހައްލުކުރަން އިދިކޮޅު ފަރާތްތަކުން މަޝްވަރާގެ މޭޒަށް އައުމަށާއި މި ސަރުކާރުގެ ތަރައްގީގެ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވެ، ގައުމަށް ހަމަޖެހުން ގެންނަން އެއްބާރުލުން ދެއްވަން ރައީސް ގޮވާލައްވާ ވާހަކަފުޅަށެވެ.
އެމަނިކުފާނު އެގޮތަށް ގޮވާލައްވަނީ ނުހައްގުން ކުރަމުން ގެންދާ އިދިކޮޅު ފަރާތްތަކުގެ ތަހުގީގުތަކާއި ދައުވާތައް ވެސް އުފުލެއްވުމަށް ފަހު ކަމަށް ހިސާން ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތައް ކަސްތޮޅު އަޅައި ބަންދުކޮށްފައި މި ވިދާޅުވަނީ މިވެނި ކަމެއް، އެވެނި ކަމެއް ކުރަން ތިމަން މަނިކުފާނު ގޮވާލަމޭ،" ހިސާން ވިދާޅުވި އެވެ.
އެގޮތަށް ރައީސް ގޮވާއްލައްވާއިރު، އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ތިން ލީޑަރަކަށް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވައިފަ އެވެ. އެއީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތް މެމްބަރެއްގެ މައްޗަށް ދައުވާތައް އުފުލައި ކޯޓު މަރުހަލާގައި އެކަން ކުރިއަށް އެބަދާ ކަމަށް ހިސާން ވިދާޅުވި އެވެ. އިދިކޮޅު 12 މެމްބަރެއްގެ މައްސަލަ ފުލުސް އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި ކުރިއަށް ދާއިރު ހަތް މެމްބަރެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމަ ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން، މިގޮތަށް ފިއްތާފައި ބައިތިއްބާފައި އިދިކޮޅު ފަރާތްތަކުން ކަންތައްތައް ކުރަން ގޮވާލުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށް އަޅުގަނޑުމެން މި ދެކެނީ،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަންކަން ނިންމަން ޖެހޭނީ ވޯޓުން ކަމަށް ރައީސް ވިދާޅުވާއިރު ވޯޓާ ހަމައަށް ދާން އިދިކޮޅު ފަރާތްތަކަށް ހަމަހަމަކަމާއި އިންސާފުވެރި ފުރުސަތު ދޭން ޖެހެ އެވެ.