16 އޯގަސްޓް 2017 - 10:29

ސަންއާ (އޮގަސްޓް 16) - ޔަމަނުގައި ކުރިއަށްދާ މަދަނީ ހަނގުރާމައިގެ ސަބަބުން ފެތުރުނު ކޮލެރާ ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
މިދިޔަ އެޕްރީލް މަހު ފަހުކޮޅުން ފެށިގެން ޔަމަނުގައި ފެތުރެމުންދާ ކޮލެރާގައި މިހާތަނަށް ވަނީ 1975 މީހުން މަރުވެފަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ޖުލައި މަހުން ފެށިގެން ކޮލެރާ ޖެހޭ މީހުންގެ އަދަދު މަދުވި ނަމަވެސް މިހާރު ވެސް ދުވާލަކު 5،000 މީހުންނަށް ކޮލެރާ ޖެހޭ ކަމަށެވެ. ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ 41 ޕަސެންޓަކީ ކުޑަ ކުދިންނެވެ.
ހަލުވިކަމާ އެކު ކޮލެރާ ފެތުރެމުން ދަނީ ސާފުތާހިރުކަމުގެ ހާލަތު ދަށްވުމާއި ސާފު ބޯފެން ނުލިބުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެ އެވެ. ޔަމަނުގައި ސާފު ބޯފެން ނުލިބޭ 14 މިލިއަން މީހުން ތިބި އިރު ކުނި ނައްތާލުމުގެ މަސައްކަތް ބޮޑެތި ސިޓީތަކުގައި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންނަށް ދޭނެ ބޭސް ވެސް އެ ގައުމުގައި ނެތް ކަމަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 30،000 މީހުންނަށް މުސާރަ ނުދޭތާ ވެސް އަހަރެއްހާ ދުވަސްވެއްޖެ ކަމަށެވެ.
ޔަމަނުގައި މާޗް 2015 ގައި ހަނގުރާމަ ފެށި ފަހުން މިހާތަނަށް ވަނީ 8،160 މީހުން މަރުވެ 46،330 މީހުން ޒަޚަމްވެފަ އެވެ.