16 އޯގަސްޓް 2017 - 09:54

ހޮފެންހެއިމް، ޖަރުމަން (އޮގަސްޓް 16) - ޗެމްޕިއަންސް ލީގު ކޮލިފައިންގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ހޮފެންހައިމް 2-1 އިން ބަލިކޮށް މުބާރާތުގެ ގްރޫޕް ސްޓޭޖާ ގާތަށް ލިވަޕޫލް ޖެހިލައިފި އެވެ.
ރޭގެ މެޗަކީ 2016 ވަަނަ އަހަރުގެ މެއި މަހަށް ފަހު ހޮފެންހައިމް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. ލިވަޕޫލަށް ރޭގެ މޮޅާ އެކު އެޑްވާންޓޭޖް ބޮޑުވެފައިވާއިރު، އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ ލީޑުނަގަން ފުރުސަތު ލިބުނީ ހޮފެންހައިމް އަށެވެ. ލިބުނު ޕެނަލްޓީ އަކުން އަންދްރޭ ކްރަމަރިޗް ފޮޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު ސިމޮން މިންޔޮލޭ ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލަށް ލީޑުނަގައިދިނީ މެޗުގެ 35 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން އުމުރުން 18 އަހަރުގެ ކުޅުންތެރިއާ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. މިއީ އޭނާ ވާދަވެރި މެޗެއްގައި ލިވަޕޫލަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިއީ އޭނާ ޔޫރަޕްގައި ލިވަޕޫލަށް ކުޅެދިން ފުރަތަމަ މެޗެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ހޮފެންހައިމް އަށް އެއްވަރުކޮށްދޭން، ކުރިން އާސެނަލަށް ކުޅުނު ސާޖީ ނަބްރީ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ލިވަޕޫލް ކީޕަރު މިންޔޮލޭ ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ހޯދުމަށް ފަހު ހޮފެންހައިމްގެ ސަންޑްރޯ ވެގްނާ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.
ލިވަޕޫލުން ލީޑުފުޅާކުރީ ހޮފެންހައިމްގެ ހާވާޑް ނޯޑްވެއިޓް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މި ލަނޑަކީ ލިވަޕޫލްގެ ޖޭމްސް މިލްނާ ނަަގައިދިން ހުރަހެއް ބްލޮކް ކުރަން އުޅުމުގެ ތެރޭގައި ނޯޑްވެއިޓް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
ހޮފެންހައިމްގެ ލަނޑު މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ކުޅެން ނުކުތް މާކް އުތު އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މޮޅުވުމުން ހިތްހަމަ ޖެހުމެއް އެބައޮތް ނަމަވެސް އަދި އެއް ލެގު އޮތުމުން މާ ބޮޑު ޔަގީންކަމެއް ނުބާއްވާ ކަމަށެވެ.
"މޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. އެކަމަކު 2-0 ގައި އޮވެފައި އެމީހުން ލަނޑެއް ޖެހުމުން މިއީ އަހަރެމެންނަށް ރަނގަޅަށްވި ކަމެއް ނޫން. މާ ބޮޑަށް ޔަގީން ނުކުރަން. އަދި ބާކީ އެބައޮތް އެއް މެޗު،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ރޭގެ މެޗުގައި ނުފެނުނު ފިލިއްޕޭ ކޯޓީނިއޯ ދެން އޮތް ލެގުގައި ފެންނާނެ ކަމާ މެދު ޔަގީންކަން ދޭން އެނގޭނީ ޓީމުގެ ފަރިތަކުރުންތަކަށް ބެލުމަށް ފަހު ކަމަށެވެ.
ހޮފެންހައިމްގެ ޒުވާން ކޯޗު ޖޫލިއަން ނާގަލްސްމަން ބުނީ އިންސާފުވެރިވާނީ މެޗު އެއްވަރުވެގެން ނިމުނުނަމަ ކަމަށެވެ.
"އަހަރެމެންނަށް ލިބުނު ފުރުސަތުތަކަށް ބަލާއިރު މި މެޗުން އަހަރެމެން ބަލިވުން ހައްގެއް ނޫން. ޕެނަލްޓީ ގެއްލުނު ހިސާބުން އަހަރެމެންގެ ނަސީބު މި މެޗުގައި ރަނގަޅު ނޫންކަން އެނގުނު. އަހަރެމެންނަށް ރިސްކު ނެގުނީ ގޯސް ދަނޑިވަޅުތަކެއްގައި،" އުމުރުން 30 ނާގަލްސްމަން ބުންޏެވެ.
ޗެމްޕިއަންސް ލީގު ޕްލޭއޮފްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްވިޒަލެންޑުގެ ޔަންގް ބޯއީސް އަތުން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ވަނީ 1-0 އިން މޮޅުވެފަ އެވެ. އަދި ސައިޕްރަސްގެ އަޕޮއެލް ވަނީ 2-0 އިން ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގް ބަލިކޮށްފަ އެވެ.