ހަމަ ނިދި ނުލިބޭ ކުދިންނަށް ހަކުރު ބަލީގެ ނުރައްކާ
ހަމަ ނިދި ނުލިބޭ ކުދިންނަށް ހަކުރު ބަލީގެ ނުރައްކާ

ރޭގަނޑު އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ކުދިންނަށް ޓައިޕް 2 ޑައެބެޓީސް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެމެރިކަން އެކަޑެމީ އޮފް ޕީޑިއޭޓްރިކްސްގެ އާ ދިރާސާއެއްގައި ބުނެފި އެވެ.

މި ދިރާސާ ކުރުމަށް ސައިންސްވެރިން ވަނީ އިނގިރޭސި ވިލާތުގެ، އުމުރުން 9-10 އަހަރުގެ 4500 ކުއްޖެއްގެ ނިދީގެ އާދަ ހުންނަ ގޮތް ބަލައި އެ ކުދިންގެ ހަށިގަނޑުގެ މިންތަކާއި ބަރުދަން ބަލައި އަދި ލޭގެ ޓެސްޓްތައް ވެސް ހަދައިފަ އެވެ. މި ހޯދުމުން އެނގުނީ، ދިރާސާގެ ބައިވެރިންގެ ތެރެއިން، ކޮންމެ ދެ ކުއްޖަކު އަޅާކިޔާއިރު، އޭގެ ތެރެއިން ރޭގަނޑު އެއް ގަޑިއިރު ނިދި ކުއްޖާގެ ބޮޑީ މާސް އިންޑެކްސް ދަށްވެފައި އިންސިއުލިން ރެސިސްޓެންސް ވެސް ދަށް ކަމެވެ. އަދި އެއް ގަޑިއިރު މަދުން ނިދި ކުއްޖާގެ ލޭގައި ފާސްޓިން ގުލްކޯޒް ހުރި މިންވަރު އިތުރުކަން ވެސް އެނގުނެވެ.

ކުދިންގެ ހަށިގަނޑުގައި ޑައެބެޓީސް އުފެދޭހާ މުއްދަތަކަށް މި ދިރާސާ ކުރިއަކަށް ނުގެންދެ އެވެ. ނަމަވެސް ޑައެބެޓީސް ހުންނަ ބޮޑެތި މީހުންގެ ކިބައިން ފެންނަ ކަންތަތައް ދިރާސާގެ ތެރޭގައި ފެނުނެވެ.

ދިރާސާ ޓީމުން ބުނީ ރޭގަނޑު ނިދާ ވަގުތު އެއް ގަޑިއިރު އިތުރުކޮށްލި ނަމަވެސް ބޮޑީ މާސް އިންޑެކްސް ދަށްވެ އިންސިއުލިން ރެސިސްޓެންސް ދަށްވާނެ ކަމަށެވެ.

އެމެރިކަން އެކަޑެމީ އޮފް ޕީޑިއޭޓްރިކްސް އާއި އެމެރިކަން އެކެޑެމީ އޮފް ސްލީޕް މެޑިސިން އަށް ލަފާ ދެނީ އުމުރުން 1-2 އަހަރާ ދެމެދުގެ ކުރިން ކޮންމެ ރެޔަކު 14 ގަޑިއިރު ނިދުމަށެވެ. އަދި 3-5 އަހަރުގެ ކުދިން 10-13 ގަޑިއިރު ނިދަން ލަފާ ދީފައި ވާއިރު ސްކޫލަށް ދާ އުމުރުން ފެށިގެން 12 އަހަރު ވަންދެން ކުދިން މަދުވެގެން 12 ގަޑިއިރު ނިދަން ޖެހޭއިރު އޭގެ މަތީ އުމުރުތަކުގެ ކުދިން ރޭގަނޑު 8-10 ގަޑިއިރު ނިދުމަށް ވަނީ ލަފާ ދީފަ އެވެ.