އެމްއެމްއޭގެ ގަވަރުނަރު އަޒީމާ މާދަމާ އިސްތިއުފާދެއްވާ ކަމުގެ އަޑު ފެތުރެން ފަށައިފި
އެމްއެމްއޭގެ ގަވަރުނަރު އަޒީމާ މާދަމާ އިސްތިއުފާދެއްވާ ކަމުގެ އަޑު ފެތުރެން ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މާދަމާ އިސްތިއުފާ ދެއްވަން އުޅުއްވާކަމުގެ އަޑު ފެތުރެން ފަށައިފި އެވެ.

ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވަން އުޅުއްވާކަމުގެ އަޑު ފެތުރިފައިވާއިރު މިރޭ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގައި އެ އޮތޯރިޓީގެ މުވައްޒަފުންގެ ހަފުލާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ހަފުލާއަކީ ގަވަރުނަރު ދެއްވާ ވަދާއީ ހަފުލާއެއްތޯ އެހުމުން އެމްއެމްއޭގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއީ މުވައްޒަފުންގެ ހަފުލާއެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ގަވަރުނަރު އަޒީމާ އަށް ފޮނުވި އެސްއެމްއެސް އަށް ޖަވާބެއްނުދެއްވި އެވެ. ނަމަވެސް މާދަމާ ހެނދުނު 9:45ގައި ގަވަރުނަރު ދެއްވާ ނިއުސް ކޮންފަރެންސަކަށް މީޑިއާތަކަށް ވަނީ ދައުވަތު ފޮނުވައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ އަޒީމާ އިސްތިއުފާ ދެއްވާކަން އިއުލާންކުރެއްވުމަށް ބާއްވާ ނިއުސް ކޮންފަރެންސެކެވެ.

ގަވަރުނަރު އިސްތިއުފާ ދެއްވަން އުޅުއްވާކަމަށް ވާހަކަދެކެވޭއިރު އޭނާގެ ފިރިކަލުން ޑރ. އަލީ ނަސީރު ދާދިފަހުން އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުގެ އިތުރުން އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް އައްޔަންކުރައްވައިފަ އެވެ. އަދި ދާދިފަހުން އޭނާގެ ފަތްކޮޅު ވަނީ އެމެރިކާގެ ރައީސަށާއި އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ވަނީ އަރުވައިފަ އެވެ.

ޑރ. އަޒީމާ ގަވަރުނަރު ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. ފަޒީލް ނަޖީބު އިސްތިއުފާދެއްވުމުން އޭޕްރިލް 20، 2014ގަ އެވެ.