25 ބުރީގެ އިމާރާތުގެ ނަން: ދަރުމަވަންތަ ހޮސްޕިޓަލް
25 ބުރީގެ އިމާރާތުގެ ނަން: ދަރުމަވަންތަ ހޮސްޕިޓަލް

ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ދަށުން ހަދާ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތަކީ މުޅިން އާ ހޮސްޕިޓަލެއް ކަމާއި ނަމަކީ "ދަރުމަވަންތަ ހޮސްޕިޓަލް" ކަން ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުން ހާމަވެއްޖެ އެވެ.

ޕީޕީއެމްގެ ކެމްޕޭން ޖަގަހަ "ރުމާލު 2" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ވެގެން ދާނީ މީގެ ކުރިން ރާއްޖެ ނުދެކޭ ފަދަ ކުރިއެރުންތަކެއް ސިއްހީ ދާއިރާ އިން ހޯދާނެ ތަނަކަށް ކަމަށެވެ.

"ފަންސަވީސް ބުރީގެ ސިއްހީ ހިދުމަތް ދޭ އިމާރާތް އެއޮތް ނިމެނީ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ މެދެއްހާ ތަނުގައި ހުޅުވިގެންދާ ދަރުމަވަންތަ ހޮސްޕިޓަލަކީ އަޅުގަނޑުމެންގެ ރާއްޖޭގައި މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ވަރުގެ ކުރިއެރުން ހުރި ސިއްހީ ހިދުމަތް ދޭ ތަނަކަށް ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރު ޝެންހުއާ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކުރެ އެވެ. އެކަމަކު ހަމައެކަނި އެއީ އެފަދަ އިމާރާތަކަށް ވަރަށް ބޮޑު އަދަދެއް ކަމަށާއި އެއަށް ވުރެ މާ ކުޑަ އަގުތަކުގައި އެތަން ހަދަން ކުންފުނިތަކުން ހުށަހެޅި ކަމަށް، އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެނގިފައިވާ ގޮތުގައި އިމާރާތަށް ބޭނުންވާ ސާމާނު ގަންނަނީ ވަކިންނެވެ. އެހެންކަމުން 2.1 ބިލިއަން ރުފިޔާ ހޭދަކުރަނީ ހަމައެކަނި އިމާރާތުގެ މަސައްކަތަށެވެ.

މީގެ ކުރިން ބެލެވުނީ އެއީ އައިޖީއެމްއެޗުގެ ބައެއްގެ ގޮތުގަ އެވެ. އާ ނަމެއް ކިޔާ އާ ހޮސްޕިޓަލެއްކަން ފުރަތަމަ ފަހަރަށް މި ދޭހަވީ ރައީސްގެ ވާހަކަފުޅުންނެވެ.

ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑަށް ރައްދު ދެއްވާ ރައީސް ޔާމީން ރޭ ވަރަށް ގިނަ އިރު ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުން ރާއްޖޭގައި މިހާރު ލިބެން ނެތް އެތައް ހިދުމަތެއް، މި ޒަމާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލިބެން ހުންނާނެ ކަމަށެވެ.

"މި ހުރިހާ މަސައްކަތެއް ފުރިހަމަ ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ. އިރާދަކުރެއްވިއްޔާ މި އަންނަ ޖުލައި 26 އަށް ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުގެ މަސައްކަތް ކުރެވޭތޯ މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.