15 އޯގަސްޓް 2017 - 19:33

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓާލުމަށް ޕްލޭނެއް ތައްޔާރުކުރުމަށް މަހާސިންތާއެއް ފަށައިފި އެވެ.

ކުރުނބާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަހާސިންތާގެ ބޭނުމަކީ ކުޑަކުދިންނާ ގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތައް އެއް ތަނަކަށް އެއްވެ، އެ ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް އެ ކަންކަމަށް ހައްލު ގެނައުމަށެވެ.
މަހާސިންތާގެ މަޝްވަރާތަކަށް ބެލުމަށްފަހުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ގައުމީ ފެންވަރުގެ ހާއްސަ ޕްލޭނެއް ތައްޔާރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިސެފުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެލިސް އަކުންގާ ވިދާޅުވީ އަނިޔާއަކުން ކުޑަކުއްޖަކު ސަލާމަތްކުރުމަކީ، އެ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށްވުރެ ހަރަދު ބޮޑު މަސައްކަތެއް ކަމަށެވެ. ކުޑަކުދިން އުޅޭ މާހައުލަކީ އެކުދިންނަށް އަމާން އަދި ރައްކާތެރި މާހައުުލަކަށް ހެދުމަށް އެންމެން ވެސް މަސައްކަތް ކުރަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަހާސިންތާގައި ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާތަކާއި ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް 59 މީހުން ބައިވެރިވި އެވެ.