ލަންކާގެ ފޮރިން މިނިސްޓަރުގެ މަގާމު ކުރީގެ ވަކީލަށް
ލަންކާގެ ފޮރިން މިނިސްޓަރުގެ މަގާމު ކުރީގެ ވަކީލަށް

ކޮލަމްބޯ (އޮގަސްޓް 15) - ސްރީ ލަންކާގެ އާ ފޮރިން މިނިސްޓަރުގެ މަގާމަށް ކުރީގެ މަޝްހޫރު ވަކީލް ތިލަކް މަރަޕާނާ ހަމަޖައްސައިފި އެވެ.

ކުރީގެ އެޓާނީ ޖެނެރަލް އަދި ބޮޑު ވަޒީރުގެ މުޝީރަކަށް ހުންނެވި މަރަޕާނާ ލަންކާގެ އެންމެ އިސް ޑިޕްލޮމެޓުގެ މަގާމަށް ހަމަޖެއްސީ ކުރީގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަނަޔަކަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އޭނާ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކަރުނަނަޔަކަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ސެންޓްރަލް ބޭންކުން ބޮންޑު ވިއްކި ކޮރަޕްޝަނުގެ މައްސަލާގައި އޭނާގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.

އާ ފޮރިން މިނިސްޓަރު މަރަޕާނާގެ މައްޗަށް ވެސް މީގެ ކުރިން ވަނީ ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ. ކުރީގެ ސަރުކާރާ ގުޅުން އޮންނަ ސެކިއުރިޓީ ކުންފުންޏެއްގެ މަސްލަހަތު ހިމާޔަތް ކުރަން އުޅުނު ކަމުގެ ތުހުމަތާ ގުޅިގެން މަރަޕާނާ ވަނީ ނޮވެމްބަރު 2015 ގައި ލޯ އެންޑް އޯޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މަރާޕާނާ ވަނީ 1992 އިން 1994 އަށް ލަންކާގެ އެޓާނީ ޖެނެރަލްކަން ކުރައްވައިފަ އެވެ. އަދި 2002 އިން 2004 އަށް ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. އެ މަގާމުން އޭނާ ވަކިކުރީ ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގާ އެވެ.