ސަލްމާން ދިން ގޮތަށް ޝާހްރުކް ވެސް ޑިސްޓްރިބިއުޓަރުންނަށް ބަދަލު ދީފާނެ ބާ؟
ސަލްމާން ދިން ގޮތަށް ޝާހްރުކް ވެސް ޑިސްޓްރިބިއުޓަރުންނަށް ބަދަލު ދީފާނެ ބާ؟

ސަލްމާން ޚާންގެ އީދު ރިލީޒް "ޓިއުބުލައިޓް"ގެ ނާކާމިޔާބީގެ ސަބަބުން ޑިސްޓްރިބިއުޓަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ސަލްމާން ވަނީ އޭނާގެ އަމިއްލަ ޖީބުން ދީފަ އެވެ. ސަލްމާނާއި އޭނާގެ ބައްޕަ ސަލީމް ޚާން ވަނީ "ޓިއުބުލައިޓް" ޑިސްޓްރިބިއުޓް ކޮށްދިން ފަރާތްތަކަށް 33 ކްރޯޑު (ތިން ބިލިއަން ރުޕީސް) ބަދަލުގެ ގޮތުގައި ދީފަ އެވެ.

މުމްބައި މިރާ އަށް ދީފައިވާ އިންޓަވިއުއެއްގައި ސަލްމާންގެ ބައްޕަ ބުނެފައިވަނީ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލުކުރުމަށް އެންމެ ފަހުގެ ނިންމުން ނިންމަނީ އޭނާ ކަމަށެވެ.

އޭނާ އާއި ޖާވީދު އަޚްތަރު ގުޅިގެން ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުން ގޮސް ޖާވީދު އާއި އޭނާ ވަކިވާން ނިންމި ހިސާބުން އެމީހުން އެކުގައި ސްކްރިޕްޓް ލިޔެދޭން ސޮއިކޮށް ފައިސާ ނަގާފައިވާ ފަރާތްތަކަށް ވެސް އޭނާ ވަގުތުން ފައިސާ އަނބުރާ ދިން ކަމަށް ސަލީމް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ސަލްމާންގެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި "ޓިއުބުލައިޓް" އަށް 100 ކްރޯޑު (10 ބިލިއަން ރުޕީސް) ލިބިފައި ވީނަމަވެސް ފިލްމު ވިއްކާފައިވަނީ އެއަށް ވުރެ މާ ބޮޑު އަގުގައި ކަމަށް ވާތީ ޑިސްޓްރިބިއުޓަރުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިވީ ކަމަށެވެ.

ސަލްމާނާއި އޭނާގެ އާއިލާގެ މި ދީލަތިކަން ޑިސްޓްރިބިއުޓަރުން ވަނީ އުފަލުން ބަލައިގެންފަ އެވެ.

"ޓިއުބުލައިޓް" ފްލޮޕްވީތާ މާ ގިނަ ދުވަސްތަކެއް ނުވެ ޝާހްރުކް ޚާންގެ "ޖަބް ހެރީ މެޓް ސޭޖަލް" ވެސް ވަނީ ފްލޮޕްވެފަ އެވެ. އެއާއެކު ޑިސްޓްރިބިއުޓަރުން މިހާރު އުންމީދު ކުރަނީ ސަލްމާން ކަންތައް ކުރި ގޮތަށް ޝާހްރުކް ވެސް އެމީހުންނަށް ވީ ގެއްލުމުގެ ބަދަލު ދިނުމަށެވެ.

ޓްރޭޑް އެނަލިސްޓް ކޯމަލް ނަހާތާ ބުނި ގޮތުގައި ޝާހްރުކް މީގެ ކުރިން ވެސް "ދިލްވާލޭ" އިން ޑިސްޓްރިބިއުޓަރުންނަށް ވީ ގެއްލުމުގެ ބަދަލު ދީފައި ވެއެވެ. ޕްރޮޑިއުސަރުންގެ ހައިސިއްޔަތުން ފިލްމު ވިއްކާލުމުން ޝާހްރުކަށް ފައިދާ ވެފައި ވިޔަސް ފިލްމު ބަލަން ސިނަމާތަކަށް ވަންނަ މީހުން މަދުވުމުން ޑިސްޓްރިބިއުޓަރުންނަށް ގެއްލުން ވެ އެވެ. އެހެންވެ ފައިދާއެއް ބައެއް ޑިސްޓްރިބިއުޓަރުންނަށް އެ ފަހަރު ވެސް ޝާހްރުކް ދިނެވެ. މިއީ ކޮންޓްރެކްޓްގައި އެގޮތަށް އޮންނާތީ ހަދާ ގޮތެއް ނޫނެވެ. އަދި ކަނު ބަދެގެންކުޅޭ މި ގޭމްގައި އެކަކަށް ވެސް އަނެކަކަށް ލިބޭ ގެއްލުން ބޮލުގައި އަޅާކަށް ހަގީގަތުގައި ނުޖެހެ އެވެ.

ނަމަވެސް އެއްވެސް ބަޔަކަށް ބޮޑު ގެއްލުމެއް ވިޔަ ނުދޭން ޝާހްރުކް މެން އެގޮތަށް ކަންތައް ކުރަނީ އެވެ.
ބޮކްސް އޮފީހުގައި ގިނަ ފިލްމުތަކެއް ފްލޮޕްވަމުންދާތީ މިހާރު ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައިވަނީ ސަލްމާންގެ "ޓައިގާ ޒިންދާ ހޭ" އަށާއި އަޖޭ ދޭވްގަންގެ "ގޯލްމާލް އެގެއިން" އަށެވެ.