15 އޯގަސްޓް 2017 - 15:34

އިންޓަ ރިޒޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލުގައި މިއަދު ހަވީރު ސޮނޭވާފުށްޓާއި އަނަންތަރާ ކިހާވަށް ވިލާސް ސޮނޭވާފުށީގައި ކުޅެން އޮތް ފައިނަލް މެޗަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އިސް އޮފިޝަލުންތަކަށް އެ ރަށަށް އެރުމުގެ ހުއްދަ ނެތް ކަމަށް އެސޯސިއޭޝަނުން ފައިނަލް މެޗު ފަސްކޮށްފި އެވެ.
އިންޓަ ރިޒޯޓް މުބާރާތު ކޮމިޓީގެ ޗެއާމަން މުހައްމަދު ޝާފީ ވިދާޅުވީ ފައިނަލް މެޗަށް އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރުންތަކަށް ސޮނޭވާފުށްޓަށް އެރުމުގެ ހުއްދަ އެ ރިޒޯޓުން ނުދިން ކަމަށެވެ.
"އަޅުގަނޑުމެންގެ އެކްސްކޯ މެމްބަރުންނަށް ނޭރޭ ތަނެއްގައި މެޗު ކުޅެން ކޮމިޓީން އެއްބަހެއްނުވާނަން،" ޝާފީ ވިދާޅުވި އެވެ. "ފައިނަލް މެޗު މިހާރު ވަނީ ފަސްކޮށްފައި."
ޝާފީ ވިދާޅުވީ ބައެއް އޮފިޝަލުންތަކަށް އެ ރަށަށް ނޭރޭނެ ކަމަށް ރިޒޯޓުން ބުނަން ފެށީ އިއްޔެ ކަމަށާއި އެކަން ހައްލުކުރެވޭތޯ އެކި ގޮތްގޮތުން ވާހަކަދައްކައި މަޝްވަރާކުރި ކަމަށެވެ. އެކަމަކު ވެސް ރިޒޯޓުން ދިޔައީ ތަފާތު އުޒުރުތައް ދައްކަމުން ކަމަށް ޝާފީ ވިދާޅުވި އެވެ. އޭގެ ތެރޭގައި ރިޒޯޓްއޮތީ ފުލްކޮށް ކަމަށް ބުނުން ހިމެނެ އެވެ.
"އެރިދާނެ ކަމަށް ބަލައި އަޅުގަނޑުމެން އެ އޮފިޝަލުންނާ އެކު އަދި ލައިވްކުރަން ޓީވީ ކްރޫއަކާ އެކު މިއަދު ބ. ދަރަވަންދޫ އަށް މިއައީ. އެކަމަކު މިއަދު މެންދުރު ރިޒޯޓުން ފައިނަލް ޖަވާބު ދިނުމުން އަޅުގަނޑުމެން ނިންމީ މެޗު ކެންސަލްކުރަން. އޭގެ ފަހުން އަނެއްކާ އެބަބުނޭ ކުޅެވިދާނެޔޭ. އެކަމަކު ދެން ނެތް ވަގުތެއް،" ޝާފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުބާރާތް ބޭއްވުމުގެ ފުރުސަތު ރިޒޯޓަކަށް ދޭއިރު ހުޅުވުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތަށް އެސޯސިއޭޝަނުންނާއި ކުޅިވަރާ ބެހޭ މިނިސްޓްރީން އޮފިޝަލުން ދާނެކަން އަންގާފައި އޮންނާނެ ކަމަށެވެ.
"ދާނީ ކޮން ބައެއްތޯ ނިންމާނީ އެސޯސިއޭޝަނުން. ރިޒޯޓަށް ކުރިން އެނގިފައި އޮންނާނީ އެސޯސިއޭޝަނުންނާއި މިނިސްޓްރީން ބަޔަކު ދާނެކަން ހުޅުވުމާއި ނިންމުމަށް،" ޝާފީ ވިދާޅުވި އެވެ.
ސޮނޭވާފުށިން ބުނީ ފައިނަލް މެޗު ޓެކްނިކަލް ސަބަބަކާ ގުޅިގެން ފަސްކޮށްފައިވާ ކަމަށާއި މިއީ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކުރާ މުބާރާތަކަށްވާތީ މައުލޫމާތު ދޭނީ އެސޯސިއޭޝަނުން ކަމަށެވެ.
ޝާފީ ވިދާޅުވީ ފައިނަލް މެޗު ބާއްވާނެ ރަށެއް ފައިނަލްނުކުރާ ކަމަށެވެ.