ބިހުގެ ނުރައްކާ އޮތް ނަމަވެސް ބެލްޖިއަމްގައި 10،000 ބިހުގެ ބިސްގަނޑެއް
ބިހުގެ ނުރައްކާ އޮތް ނަމަވެސް ބެލްޖިއަމްގައި 10،000 ބިހުގެ ބިސްގަނޑެއް

ބްރެސަލްސް (އޮގަސްޓް 14) - ޔޫރަޕުގެ ބައެއް ގައުމުތަކުން ސަޕްލައި ކުރާ ބިހުގައި ވިހަ ކެމިކަލެއްގެ އަސަރު ހުރި ނަމަވެސް ބެލްޖިއަމުން 10،000 ބިހުގެ ބޮޑު ބިސްގަނޑެއް އަޅައިފި އެވެ.

ބެލްޖިއަމްގެ އިރު ދެކުނުގައި އޮންނަ ފްރާންސް ބަހުން ވާހަކަ ދައްކާ މީހުން ދިރިއުޅޭ ޓައުނެއް ކަމަށްވާ މަލްމަޑޭގައި އާދަޔާޚިލާފު ބޮޑު ބިސްގަނޑެއް އެޅުމުގެ ސަގާފަތް ކުރިއަށް ގެންދާތާ 22 އަހަރު ވެއްޖެ އެވެ. އެ ޓައުނުގައި ބިސްގަނޑު އަޅަނީ 13 ފޫޓު ފުޅާ ތަވައެއްގަ އެވެ.

"ބިހުން ވިހަ މާއްދާ އިން ފެނިގެން ގިނަ ބަޔަކު ބިރުން ތިބި ދުވަސްވަރެއްގައި ބިސްގަނޑު އަޅަން މި ޖެހުނީ. ކަންތައް ވާނެ ގޮތް ބަލަން ތިބެމާ،" ޖަޔަންޓް އޮމްލެޓް އިވެންޓް އިންތިޒާމް ކުރުމުގައި އުޅޭ ރޮބަޓް އަންސެން ވިދާޅުވި އެވެ.

އަހަރަކު އެއް ފަހަރު ބާއްވާ މި އިވެންޓުގައި އަޅާ ބިސްގަނޑުގެ ބޮޑު ބައެއް އާއްމުންނަށް ބަހާނެ އެވެ.

ޖަނަވާރުތަކުން އުކުނު މަރަން ޖަހާ އިންސެކްޓިސައިޑެއް ކަމަށްވާ ފިޕްރޮނިލްގެ އަސަރު ވަނީ 18 ގައުމަކުން ފެނިފަ އެވެ. އެންމެ ބޮޑަށް ފެނިފައި ވަނީ ޔޫރަޕުގައި އެންމެ ބޮޑަށް ބިސް އުފައްދާ ގައުމު ކަމަށްވާ ނެދަލޭންޑްސް އިންނެވެ. ފިޕްރޮނިލްގެ އަސަރު ހުރި ކަމަށް ބެލެވޭ އެތައް މިލިއަން ބިހެއް ވަނީ ނައްތާލައިފަ އެވެ. އުކާލަން ޖެހުނު ބިހުގެ ސަބަބުން ބިހުގެ ވިޔަފާރި ކުރާ ފަރާތްތަކަށް މިހާތަނަށް ވަނީ 177 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައި ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.