15 އޯގަސްޓް 2017 - 14:45

ބަންޑާރަ ބިން އަމިއްލަ ކުރާއިރު ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައެޅުމުގައި ލަފާ ދޭ ކޮމެޓީ އެކުލެވޭ ގޮތަށް ބަދަލު ގެނެސްފި އެވެ.
ގޯތި އަމިއްލަ ކުރުމާއި ގަނެ ވިއްކުމާ ބެހޭ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ބަންޑާރަ ބިމެއް އަމިއްލަ ކުރާއިރު ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައެޅުމުގައި ލަފާ ދޭނީ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުންނެވެ.
އެކަމަކު ގަވާއިދަށް މިއަދު ގެނެސް، އަމަލުކުރަން ފެށި އިސްލާހު ބުނާގޮތުން އަގު ކަނޑައެޅުމުގައި ލަފާ ދޭ ކޮމެޓީގައި ތިބޭނީ ހައުސިން މިނިސްޓަރު އައްޔަން ކުރައްވާ އެ މިނިސްޓްރީގެ ފަންނީ ފަސް މުވައްޒަފެކެވެ.
މީގެ އިތުރުން ބިން އަމިއްލަ ކުރާއިރު ދައްކަންޖެހޭ އަގު ކަނޑައެޅުމުގެ ބާރު، ކޮމެޓީގެ ލަފާގެ މަތިން ސީދާ ހައުސިން މިނިސްޓަރަށް ލިބޭ ގޮތަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. ކުރިން އޮންނަ ގޮތުން އަގު ކަނޑައަޅާނީ ކޮމެޓީގެ ލަފާގެ މަތިން ހައުސިން މިނިސްޓްރީންނެވެ.
ބިން އަމިއްލަ ކުރާއިރު ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ އެންމެ ދަށް އަގު ވެސް ކޮމެޓީގެ ލަފާގެ މަތިން ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބޭ ގޮތަށް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.