15 އޯގަސްޓް 2017 - 12:34

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ސްރީ ލަންކާގައި ކޭމްޕްކޮށްފައިވާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެ ވަނަ މެޗުން ވެސް ސްރީ ލަންކާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެއްޖެ އެވެ.
ޖޫނިއާ ޓީމު ވަނީ ފުރަތަމަ މެޗުން ލަންކާ އަތުން 3-0 އިން މޮޅުވެފަ އެވެ. އިއްޔެގެ މެޗުގައި ލަންކާ އިން 26 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނިކޮށް ރާއްޖެ އަށް އެއްވަރުކޮށްދިނީ 76 ވަނަ މިނެޓުގައި އިސްމާއިލް މިމްރާހް މުއީނެވެ. ދެ ވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖެހީ އަހުމަދު ސަމާހެވެ. ލަންކާ ޓީމުން ވެސް ތައްޔާރުވަމުން އަންނަނީ ސާފް ޗެމްޕިއަންޝިޕވެ.
ބީޖީ އާއި ވިކްޓަރީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީގެ ކޯޗުކޮށްދޭ ޖޫނިއާ ފުޓްބޯޅަ ޓީމުން 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް މިރޭ ނޭޕާލަށް ފުރާނެ އެވެ.
މި މަހުގެ 18-27 އަށް ނޭޕާލުގައި ބާއްވާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ނޭޕާލާއި އިންޑިއާއާ އެކު ގްރޫޕް ބީ ގަ އެވެ. އަނެއް ގްރޫޕުގައި އޮތީ ލަންކާގެ އިތުރުން ބަންގްލަދޭޝާއި ބޫޓާނެވެ.
ސާފް ޗެމްޕިއަންޝިޕަށް ފަހު ޖޫނިއާ ގައުމީ ޓީމު ދެން ވާދަކުރާނީ ސެޕްޓެމްބަރު 16 އިން 29 އަށް އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގަ އެވެ. ރާއްޖެ ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އާއި ތުރުކުމެނިސްތާނާ އެކު ގްރޫޕް ބީ ގަ އެވެ. ހުރިހާ މެޗެއް ވެސް ކުރިއަށްދާނީ ތަޖިކިސްތާނުގެ ޑުޝާންބޭގަ އެވެ.
ޓީމުގެ ކޯޗު ޝާޒްލީ ބުނީ ޓީމާ ދޭތެރެ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށެވެ. ފުރަތަމަ ޑިވިޝަން ޓީމުތަކުގެ ޔޫތު ޓީމުތަކާ އެކު ކޮންމެވެސް ވަރަކަށް ފަރިތަކޮށްފައިވާ ކުޅުންތެރިން ތިބި ނަމަވެސް ގިނައީ ސީދާ ސްކޫލް މުބާރާތްތަކުން ފާހަގަވި ކުޅުންތެރިންނެވެ.
"ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި. މި މުބާރާތްތަކުން އެ ކުޅުންތެރިން ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބި ހުނަރު ތަރައްގީކުރަން އެހީއަކަށް ވާނެ،" ޝާޒް ބުންޏެވެ.