16 އޯގަސްޓް 2017 - 06:13

މިއަހަރު މިހާތަަނަށް ހިންދީ ފިލްމު އިންޑަސްޓްރީގެ މޫސުން ރަނގަޅެއް ނޫނެވެ. އެހެން އަހަރު ތަކުގައި ވެސް ބޮޑު ބަޖެޓުތަކަށް ވެސް ކޮންމެވެސް ވަރަކަށް ނާކާމިޔާބުވެ އެވެ. ނަމަވެސް މި އަހަރު ބޮޑެތި ބަޖެޓުތަކުން އުފައްދާފައިވާ އެންމެ މަޝްހޫރު އެކްޓަރުންގެ ފިލްމުތައް ވެސް ވަނީ ފްލޮޕެވެ.
ފްލޮޕް ލިސްޓުގައި އެންމެ ފަހުން ހިމެނިފައި ވަނީ ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާގެ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ. އިމްތިޔާޒު އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ލިބުނު ބޮޑު ނާކާމިޔާބީ އަކީ ފިލްމުގެ ތަރިންގެ އިތުރުން މުޅި ފިލްމު އިންޑަސްޓްރީ ވެސް ހައިރާންކޮށްލި ކަމެކެވެ. ސަބަބަކީ މިއީ މިއަހަރު ނުކުންނާނެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ ވެސް ކުރީގައި އޮތް ފިލްމަކަށް ވާތީ އެވެ.
ފިިލްމުގެ ފެށުން ވެސް ދިޔައީ ވަރަށް ގޯސްކޮށެވެ. އެއާއެކު ފިރުކެމުން މިހާތަނަށް އައިއިރު މި ފިލްމަށް އިންޑިޔާ އިން ލިބިފައި ވަނީ އެންމެ 58 ކްރޯޑު (5.8 ބިލިއަން ރުޕީސް) އެވެ. މިއީ ފިލްމުގެ ބަޖެޓަށް ވުރެ މާ ކުޑަ އަދަދެކެވެ.
މި ފިލްމަކީ ފާއިތުވީ ތިން އަހަރު ތެރޭ، ޖެހިޖެހިގެން ހިޓް ފިލްމުތައް ދެމުން އައި ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމުތަކުގެ ސިލްސިލާ އަށް ނިމުމެއް އައި ފިލްމަށް ވެސް ވަނީ ވެފަ އެވެ. އަދި އަނުޝްކާގެ ބޮކްސް އޮފީސް ރެކޯޑް ވެސް މި ފިލްމުގެ ނާކާމިޔާބީން ވަނީ ހުތުރުވެފަ އެވެ.
ފިލްމު ރިލީޒްކުރިތާ ދެ ވަނަ ހަފުތާ ކުރިޔަށް ދާއިރު ދުވަހަކަށް ވުރެ ދުވަހެއް ފިލްމު ވެއްޓެމުން ގޮސް މި ހަފުތާ ނިމޭއިރަށް ފިލްމު ސިނަމާތަކުން ނަގާނެ ކަމަށް ލަފާ ކުރެވެ އެވެ.
ފިލްމު ނާކާމިޔާބުވުމުން ޝާހްރުކް އާއި ޑައިރެކްޓަރަށް ވަނީ ގިނަ ބަޔަކު ފާޑު ކިޔައިފަ އެވެ. ޝާހްރުކަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކުގެ ތެރޭގައި އޭނާއަށް ރިސްކު ނަގަން ނުކެރި އަބަދު އެއް ޒާތެއްގެ ފިލްމުތައް ކުޅޭތީ މީހުން ހިތްހަމަނުޖެހިފައިވާ ކަން ހާމަވެ އެވެ.
ބައެއް މީހުން ބުނި ގޮތުގައި ރޮމެންޓިކް ރޯލުތައް ކުޅޭ ވަރަށް ވުރެ ޝާހްރުކް މިހާރު މާ މުސްކުޅިވެއްޖެ އެވެ. އޭނާގެ ލޯބީގެ ފިލްމުތައް އެއް އިރެއްގައި ބެލުންތެރިންނަށް ކަމުދިޔަ ކަމުގައި ވިޔަސް ދެން އެފަދަ ފިލްމުތަކެއް ޝާހްރުކަށް ނުކުޅެވޭނެ ކަމަށް ބައެއް ފާޑުކިއުންތެރިން ބުނެފައިވެ އެވެ.
މިހާރު ރިލީޒްކޮށްފައިވާ ފިލްމުތަކާ އަޅާކިޔާއިރު ޓްރޭޑް ތަޖުރިބާކާރުން ބުނަނީ "ޖަބް ހެރީ މެޓް ސޭޖަލް" އަކީ ފިލްމުގެ ބަޖެޓާއި ލިބުނު ވަރާ އަޅާކިޔާލާއިރު އަހަރުގެ އެންމެ ނާކާމިޔާބު ފިލްމަށް ވެދާނެ ކަމަށެވެ.