15 އޯގަސްޓް 2017 - 13:55

މައްކާ (އޮގަސްޓް 15) - ހައްޖު ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު 95،400 މީހުން ހިފަހައްޓާ އަނބުރާ ފޮނުވާލާފައިވާ ކަމަށް ހައްޖު ސެކިއުރިޓީގެ ކޮމާންޑަރު ޖެނެރަލް ޚާލިދު އަލް ހަރުބީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޖުލައި 19 އާއި އޮގަސްޓް 12 އާ ދެމެދު ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު 47،700 ވެހިކަލް ހުއްޓުވާފައިވާ ކަމަށެވެ.
"ރައްކާތެރި ގޮތުގައި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ މަގު އެންމެންނަށް ވެސް ފަހިކޮށްދޭނަން. ހައްޖު ހުއްދަ ނެތި މައްކާ އަށް ވަންނަން މަސައްކަތް ކުރާ އެންމެން ހުއްޓުވާނަން،" ޖެނެރަލް ހަރުބީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްކާ އަށް ވަންނަ ހުރިހާ ޕޮއިންޓްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށާއި ރެންޑަމްކޮށް ފިންގާޕްރިންޓް ވެސް ނަގާނެ ކަމަށެވެ.
ހަރަމްފުޅުގެ ތަވާފް ކުރާ ސަރަހައްދު ބޮޑު ކުރުމުގެ މަޝްރޫއުގެ ޓެކްނިކަލް ކޮމިޓީގެ ޗެއާމަން ފައިސަލް ވަފާ ވިދާޅުވީ ހައްޖު ސީޒަނުގައި ތަވާފް ކުރާ ސަރަހައްދުގައި ސުންނަތް ނަމާދުތައް ކުރުމުގެ ބަދަލުގައި އެ ސަރަހައްދު އޮންނާނީ ހުސްކޮށް ކަމަށެވެ. ހައްޖު ސީޒަނުގައި މަތާފް ސަރަހައްދު ސުޕަވައިޒް ކުރަން 200 އިންޖިނޭރުން ތިބޭނެ އެވެ. މަތާފް ބޮޑު ކުރުމުން ގަޑިއަކު 105،000 މީހުންނަށް ތަވާފް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.