ގްރީން ސްޓްރީޓްސްގެ ސައިޒަށް ބަލާއިރު ހޯދި ކާމިޔާބީ ބޮޑު: ސޮބާ
ގްރީން ސްޓްރީޓްސްގެ ސައިޒަށް ބަލާއިރު ހޯދި ކާމިޔާބީ ބޮޑު: ސޮބާ

މި ފަހަރުގެ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ކްލަބް ގްރީން ސްޓްރީޓްސްގެ ސައިޒަށް ބަލާއިރު އެ ޓީމުން މިހާތަނަށް ހޯދި ކާމިޔާބީ ބޮޑު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ސޮބާހު އިބްރާހީމް (ސޮބާ) ބުނެފި އެވެ.

ގްރީން ސްޓްރީޓްސްގެ ސައިޒަށް ބަލާއިރު ހޯދި ކާމިޔާބީ ބޮޑު: ސޮބާ
ގްރީން ސްޓްރީޓްސްގެ ސައިޒަށް ބަލާއިރު ހޯދި ކާމިޔާބީ ބޮޑު: ސޮބާ

ގްރީން ސްޓްރީޓްސް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަަނަ ހޯދައިފަ އެވެ. މާލޭ ލީގުގައި ކްލަބް ވެލެންސިއާ ނޫން ހުރިހާ ޓީމެއް އަތުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ށ.މިލަންދޫ އަތުން 2-1 އިން މޮޅުވިއިރު، އެންމެ ފަހުން ގދ. ތިނަދޫގެ މައްޗަށް ކުރިހޯދީ ވެސް އެ ނަތީޖާއިންނެވެ.

"ކާމިޔާބު ހޯދައިގެން އޭތި ދަމަހައްޓަން ވަރަށް އުނދަގޫވާނެ. އެއީ އެކްސްޕެކްޓޭޝަނާ (އުއްމީދާ) އެއްކޮށް މިހާރު މަސައްކަތް މި ކުރަނީ. ގިނަ ބަޔަކު ދެކޭ ގޮތް ވެސް ތަފާތުވެއްޖެ. އެގޮތަށް ބަލާއިރު އުނދަގޫ ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހޭނެ،" އެންމެ ފަހުން ތިނަދޫ އަތުން މޮޅުވި މެޗަށް ފަހު ސޮބާ ބުންޏެވެ.

ޕްރިމިއާ ލީގަށް ގްރީން ސްޓްރީޓްސް އިން ވަނީ ޓީމު ވަރުގަދަ ކޮށްފަ އެވެ. މި ގޮތުން ކުރިން އެ ޓީމަށް ކުޅުނު އަހުމަދު އަޝްފާން، ނިއުގެ އާދަމް އިޝާމް، ވެލެންސިއާގެ ޝާފިއު އަހުމަދު (ޝާފީ)، ކުރިން ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި މުހުތާރް ނަސީރު (ޓޫކިލޯ)، ކުރިން ނިއު އަށް ކުޅުނު ވިލިއަމް މެކޯ، ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ)ގެ އަދި ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ނައްޒާމް ވަނީ އެ ޓީމާ ގުޅިފަ އެވެ.

ސޮބާ ބުނީ ފުރަތަމަ މެޗުގައި ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންނުދިޔަ ނަމަވެސް މެޗަކަށް ފަހު މެޗެއް އެކަން ރަނގަޅު ކުރަމުން އަންނާނެ ކަމަށެވެ.

"މި މެޗުތަކުގައި މި ހެދޭ ގޯސްތައް ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުކުރާނަން. އަޅުގަނޑު ކުރިން ވެސް ބުނިން ފުރަތަމަ ތިން މެޗެއްގައި ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ކޮމްބިނޭޝަނާއި ފިޓްނަސް މި ހުރިހާ ކަމެއް އެންމެ ރަނގަޅު ނުވާނެ ކަމަށް. އެކަމަކު މެޗަކަށް ފަހު މެޗެއް އެކަން ރަނގަޅު ކުރަމުން ދާނީ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ގްރީން ސްޓްރީޓްސް އަކީ ބޮޑު ހަރަދު ކޮށްފައި ވަކި ވަކި ކުޅުންތެރިންނަށް ހަރަދުކުރުމުގެ ބަދަލުގައި މުޅި ޓީމުގެ ފައިދާއަށް ހަރަދުކޮށްގެން ކާމިޔާބު ހޯދާނެ ޓީމެއް ކަަމަށެވެ.

"މި ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަދި އަޅުގަނޑުމެން ދެ މިލިއަން (ރުފިޔާ) ހަރަދެއް ނުކުރަން. ރާއްޖޭގައި މިހާރު ވެސް އެބައޮތް ހަތް މިލިއަން އަށް މިލިއަން ހަރަދުކުރި ޓީމުތައް. މި ޓީމުގެ ސައިޒާ ހުރިހާ ކަމަކަށް ބަލާފައި ކުރެވުނު މަސައްކަތާ މެދު އަޅުގަނޑު ހިތްހަމަ ޖެހޭ. މިސާލަކަށް ނިއު ރޭޑިއަންޓް ވެއްޖިއްޔާ ކޮންމެ މެޗެއްގައި އެބަޖެހޭ ފަސް ލަނޑު ޖަހަން. އެ ވަރުގެ ބޮޑެތި ޕްލޭޔަރުން އެ ވަރުގެ ބޮޑެތި ނަންތައް އަދި އަގުތައް އެތިބީ ދީފައި،" ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓްސް މި ވަގުތު ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތީ އެއް ވަަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ފައިދާ ލަނޑު މަދުވުމުންނެވެ. ގްރީން ސްޓްރީޓްސް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ބައްދަލުކުރާނީ ނިއުއާ އެވެ. މި ދެ ޓީމު އެންމެ ފަހުން މާލޭ ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު މެޗުން ގްރީން ސްޓްރީޓްސް ވަނީ 3-0 އިން މޮޅުވެފަ އެވެ.