16 އޯގަސްޓް 2017 - 06:12

ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން ޝާހްރުކް ޚާނާ އެކު "ރައީސް" ކުޅެގެން ބޮލީވުޑަށް ތައާރަފް ވިޔަސް އޭނާއަށް ކުރެވުނު ތަޖުރިބާ އުފާވެރިއެއް ނޫނެވެ.
ޝާހްރުކް ފަދަ ބަތަލަކާއެކު ބޮލީވުޑަށް ނުކުތުމުގެ ފުރުސަތު ލިބުމަކީ އެތައް ބައެއްގެ އުންމީދެކެވެ. މާހިރާ ވެސް އެ ފުރުސަތުގެ ބޭނުން ހިފީ ޝާހްރުކާ އެކު ފިލްމެއް ކުޅުމުން ލިބޭނެ މަގުބޫލުކަމާއި ކާމިޔާބަށް އުންމީދުކުރަމުންނެވެ.
ނަމަވެސް ބޮލީވުޑްގައި ފިލްމެއް ކުޅުމުގެ ފުރަތަަމަ ތަޖުރިބާ މާހިރާ ސިފަ ކުރަނީ "ބަނޑުގައި ބާރަށް ޖެހުމުން ކުރެވޭނެ ކަހަލަ އިހްސާސެއް"ގެ ގޮތުގަ އެވެ.
"ފިލްމު ބަލާފައި އަހަންނަށް ހީވީ މީހަކު އަހަރެންގެ ބަނޑުގައި ވަރަށް ބާރަށް އެތިފަހަރެއް ޖެހިހެން،" މާހިރާ ބުންޏެވެ.
ޕާކިސްތާނުގެ ޑޯން ނޫހުން ބުނި ގޮތުގައި މާހިރާ މި ވާހަކަ ދައްކާފައިވަނީ ޕާކިސްތާނުގެ ޔުނިވަސިޓީއެއްގައި ދިން ލެކްޗަރެއްގަ އެވެ. މި ލެކްޗާގައި މާހިރާ ވަނީ އޭނާގެ ހަޔާތުގައި ކުރިމަތިވި ވަރަށް ގިނަ ނާކާމިޔާބީތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އޭނާ ބުނި ގޮތުގައި ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރުގައި ވެސް އޭނާއަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
މާހިރާ ބުނި ގޮތުގައި އޭނާ ފުރަތަމަ ޕާކިސްތާން ފިލްމު "ބޯލް" ކުޅެން ސޮއިކުރަން އުޅުނުއިރު އެ ފިލްމު ކުޅެން ސޮއި ނުކުރަން ވަރަށް ގިނަ ބަޔަކު އޭނާގެ ކިބައިން އެދެމުން ދިޔަ އެވެ. ނަަމަވެސް ރަނގަޅު ފުރުސަތެއް ކަމަށް ހިތް ބުނާތީ ހިތް ބުނިގޮތް ހެދީ ކަމަށާއި ނަމަވެސް އެ ފިލްމުން ވެސް ލިބުނީ ލަނޑު ކަމަށް އޭނާ ބުންޏެވެ. ފިލްމުގެ ކްރެޑިޓް އަރާ ނިމުނުއިރު ވެސް އޭނާގެ ނަން އެ ކްރެޑިޓްގައި ހިމެނިފައި ނެތް ކަމަށް މާހިރާ ބުންޏެވެ.
އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު "ރައީސް"ގައި ނަސީބަކުން އޭނާގެ ނަން ހިމެނުނެވެ. ނަމަވެސް ފިލްމު ބަލާ ނިމުނުއިރުވެސް އޭނާއަށް އެ ފިލްމުން ހައްގު ކްރެޑިޓް ދީފައިވާ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ.
"ރައީސް" ކުޅެ ނިމި ރިލީޒްވާން ތައްޔާރުވީއިރު މާހިރާއަށް އޮތީ އިންޑިޔާއަށް އެރުން މަނާ ވެފަ އެވެ. އަދި ޕާކިސްތާނުގައި އެ ފިލްމު އެޅުވުން މަނަލެވެ. އެއީ ނުރަސްމީކޮށް އިންޑިޔާއިން ޕާކިސްތާނު ފަންނާނުން މަނާކޮށްފައި އޮތުމުންނެވެ. އެހެންވެ ފިލްމު ޕްރޮމޯޓްކުރުމުގެ އެއްވެސް މަސައްކަތެއްގައި ވެސް އޭނާއަކަށް ބައިވެރިއެއް ނުވެވުނެވެ. އަދި ފިލްމުގައި އޭނާ ކުޅެފައިވާ ވަރަށް ގިނަ ބައިތައް ވެސް ވަނީ ކަނޑާލާފަ އެވެ.