15 އޯގަސްޓް 2017 - 11:51

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ބަޔާންތަކުގައި ސޮއިކުރަން ފަށައިފި އެވެ.
މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި އެ މެމްބަރުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އެހެންވެ، އެ މައްސަލަތަކުގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.
އެ މައްސަލަތަކުގެ ބަޔާންތަކުގައި ކޯޓުގައި ސޮއިކުރަން މިއަދު ފަށާފައިވާ ކަން މައްސަލަ ހުށަހެޅުއްވި މެމްބަރުންގެ ވަކީލުން ކަށަވަރުކޮށްދިނެވެ. ކޮންމެ މައްސަލައެއްގެ ވެސް ހުކުމް އިއްވުމުގެ ކުރިން، އެ މައްސަލައެއްގެ ޝަރީއަތުގައި ދެއްކި ވާހަކަތަކުގެ ބަޔާންތަކުގައި ސޮއި ކުރުވާނެ އެވެ.
މައްސަލަ ހުށަހެޅި ހަތަރު މެމްބަރުންގެ ތެރެއިން ލަތީފް ފިޔަވައި ދެން ތިއްބެވި މެމްބަރުން މިި ވަގުތު ތިބީ ހައްޔަރުކޮށްފަ އެވެ. އެ މެމްބަރުން ހައްޔަރުކުރީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލައިގަ އެވެ. އެ މައްސަލާގައި އެ މެމްބަރުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.