27 ޖޫން 2016 - 14:15

ފިސްތޯލައެއް ކަމަށްވޭ ބެލެވޭ އެއްޗެއް އައްޑޫ ފޭދޫން ފެނިގެން އިއްޔެ ފުލުހުންނާ ހަވާލުކޮށްފި އެވެ.
އޭތި ފެނުނީ ފޭދޫ މުނިސިޕަލް މަސައްކަތް ކުރާ މުވައްޒަފުން ހެނދުނު ފޭދޫ ސާފު ކުރަމުން ދަނިކޮށް ބަނދަރުމަތީގައި ހުރި ގާފޮޅެއްގެ ތެރެއިންނެވެ.
މުނިސިޕަލް މުވައްޒަފަކު ބުނީ ފިސްތޯލައެއް ކަމަށް ބެލެވޭ އެތި އޮތީ ވަރަށް ހާމަކޮށް، ގާފޮޅުގެ ތެރޭގައި ފެންނަން ކަމަށެވެ.
"ސާފު ކުރަމުން ދަނިކޮށް އޭތި ފެނުނީ. އެއްޗެއް އެއްޗެއްގެ ތެރޭގައި ނޫން އޮތީ ވެސް އަހަންނަށް ފެނުނު އިރު. ދެން ފިސްތޯލައެއްހެން ހީވާތީ ފުލުހުންނަށް ރިޕޯޓް ކުރީ،" އޭނާ ބުންޏެވެ.
އަދި އޭތި ފެނުމާ އެކު ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އޭތި ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން ބުނީ ފިސްތޯލައެއް ގޮތަށް، ލަކުޑިން ހަދާފައިވާ އެއްޗެއް ފުލުހުންނާ ބަޔަކު ހަވާލުކޮށްފައިވާ ކަމަށެވެ.