15 އޯގަސްޓް 2017 - 10:53

ޕިއޮންޔޮން (އޮގަސްޓް 15) - ޕެސިފިކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ގުއާމަށް ނޯތު ކޮރެއާ އިން މިސައިލް ހަމަލާ ދިނުމުގެ ޕްލޭން އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންއާ ހިއްސާކޮށްފި އެވެ.
ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ގުއާމަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާ އިން ހަދާ ގޮތެއް ބަލަން އިންތިޒާރު ކުރާނެ ކަމަށް ކިމް ވިދާޅުވެފައިވާ ކަމަށެވެ. ގުއާމަށް ހަމަލާ ދިނުމުގެ އޮޕަރޭޝަނަލް ޕްލޭން ނިންމަމުންދާ ކަމަށް ނޯތު ކޮރެއާ އިން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.
ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ސިފައިންގެ އިސް އޮފިސަރުން މިހާރު ވަނީ ޕްލޭންއާ ބެހޭ ގޮތުން ކިމްއާ މަޝްވަރާ ކޮށްފައި ކަމަށެވެ. އަމުރު އަންނަންދެން ހަމަލާ ދިނުމަށް ސިފައިން ތައްޔާރަށް ތިބުމަށް ކިމް ވަނީ އަންގަވައިފަ އެވެ.
ނޯތު ކޮރެއާ އިން ކުރި ނިއުކްލިއާ ޓެސްޓާ ގުޅިގެން އދ. އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ނޯތު ކޮރެއާ އިން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މަޓިސް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާ އިން އެއްވެސް ހަމަލާއެއް ދީފި ނަމަ އެމެރިކާ ސިފައިން ގުއާމް ދިފާއު ކުރާނެ ކަމަށެވެ. ގުއާމްގައި އެމެރިކާގެ 6،000 ސިފައިން ތިބެ އެވެ.