15 އޯގަސްޓް 2017 - 09:08

ހޮފެންހެއިމް، ޖަރުމަން (އޮގަސްޓް 15) – ޗެމްޕިއަންސް ލީގު ޕްލޭއޮފުގެ ފުރަތަމަ ލެގުގައި މިރޭ ރަށުން ބޭރުގައި ޖަރުމަނުގެ ހޮފެންހެއިމާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގެ ސްކޮޑުން، ބާސެލޯނާގެ ޓާގެޓް ފިލިއްޕޭ ކުޓީނިއޯ ބާކީކޮށްފި އެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ވަޓްފޯޑާ 3-3 އިން ލިވަޕޫލް އެއްވަރުވި މެޗުގައި ކުޓީނިއޯ ނުކުޅުނީ ބުރަކަށީގެ އަނިޔާއަކާ ގުޅިގެންނެވެ. އެކަމަކު އޭރު އޭނާ އޮތީ ކްލަބް ދޫކޮށްލަން ބޭނުންވާކަން ކްލަބަށް އަންގައިފަ އެވެ.
އެއްވެސް އަގެއްގައި މި ސީޒަނުގައި ކުޓީނިއޯ ނުވިއްކާނެ ކަމަށް ލިވަޕޫލުން ބުނެފައިވަނިކޮށް ކުޓީނިއޯ އެދުނު އެދުމަށް ވެސް އެ ކްލަބުން ވަނީ ފުރަގަސްދީފަ އެވެ. އޭރު ލިވަޕޫލުން ވަނީ ބާސެލޯނާ ކުޓީނިއޯ ގަތުމަށް ހުށަހެޅި 99 މިލިއަން ޔޫރޯ ބިޑް ވެސް އަނބުރާ ފޮނުވާލައިފަ އެވެ.
ވަޓްފޯޑް މެޗަށް ފަހު ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނީ އޭނާ އަކީ ކޯޗު ކަމަށާއި ކްލަބުގައި އޭނާގެ މައްޗަށް ބަސްކިޔާ މީހުން ތިބޭނެ ކަމަށާއި ކުޅުންތެރިއަކު ވިއްކާލަން ނުވަތަ ވިއްކާނުލަން ވެރިން ނިންމައިފި ނަމަ އެކަމާ އޭނާ ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ ހާލަތަށް ބަދަލެއް ނާންނަ ކަމަށައި މިވަގުތު ކުޓީނިއޯގެ ހިދުމަތް ލިބެން ނެތް ކަމަށެވެ.
"މި ވަގުތު އޭނާ އަށް ލިވަޕޫލަށް ކުޅެވެން ނެތް. މިއީ އަހަރެމެންނަށް ކުރިމަތިވާނެ ބޮޑު މައްސަލައެއް،" ކްލޮޕް ބުންޏެވެ.