14 އޯގަސްޓް 2017 - 23:16

ދައުލަތަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ހުރިހާ ފަރާތްތަކަކުން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށާއި އަދި އެ ފައިސާ ދައުލަތަށް ހޯދައިދެއްވަން މަސައްކަތްފުޅު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ 2018 ގެ ކެމްޕޭންގެ މައި ޖަގަހަ "ރުމާލު 2" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދާދި ފަހުން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ބޭނުމަކީ ފަސް މިލިއަނަށް ވުރެ މަތިން ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުން ކަމަށެވެ. އަދި އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުކުރެވި ހުރި މަސައްކަތްތައް ކުރަން އުފެއްދެވި ކޮމިޝަނެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން އެ ފައިސާ ދައުލަތަށް ވެއްދުން ކަމަށެވެ. އަދި މި ސަރުކާރުގައި އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ވެސް ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިދިކޮޅު ބޭފުޅުންނަށް ދަންނަވާނީ ކޮރަޕްޝަން ނައްތާލަން އެހީތެރިވެދެއްވާށޭ. މީގެ ކުރިން ހިނގާފައި ހުރި ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކީމާ އަޅުގަނޑުމެން ހީނުކަރުވާ ހެއްޔޭ. މީގެ ކުރިން ހިނގާފައި ހުރި ކޮރަޕްޝަންގެ ވާހަކަ ދެއްކީމާ އެކަމަށް އެއްބާރުލުން ދެއްވާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެއް އަހަރުގެ މުއްދަތަށް ރިޔާސީ ކޮމިޝަން އުފެއްދެވީ މައްސަލަތައް ނިންމަވާށެވެ. އަދި ނުބަލާނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމާ މިރޭ ވެސް ގޮވާލަން އިދިކޮޅު ހުރިހާ ލީޑަރުންނަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް މިހާރު ދައްކައި ނިންމާ. އެއްގޮތަކަށް ވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައި ދައުލަތުގެ ކަންކަމާ ހަވާލުވެ ރައްޔިތުންނަށް މަސްލަހަތާއި ރައްޔިތުންނަށް ހައްގު ގޮތުގައި ޖީލެއް ބިނާކޮށް ދެވިދާނެ ކަމުގެ އުފާވެރި ހަބަރު ދެއްވުމުގެ ބޭނުމެއް ނެތް،" ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމްގެ ނަން ނުގެންނަވައި އެކަމަކު އޭނާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
"ކޮންމެ ބޭފުޅަކު ޕޯޑިއަމެއްގެ ކައިރީގައި ރައްޔިތުންގެ އަރިހަށް ވޯޓް ހޯދަން ވަޑައިގެން ހޫނުކޮށް ދައްކަވާ ވާހަކައިގައި ކޮންމެ ބޭފުޅެއްގެ މާޒީ އަށް ބަލައި ކޮންމެ ބޭފުޅެއްގެ އުޅުމަށް ބަލާނެ. އެއީ މި ވަގުތު މިކަހަލަ ވާހަކަ ދެއްކީމާ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް. [އެކަމަކު] އެކަން ވެސް ވެސް ބަލާނަން."
ރައީސް ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ލިބިއްޖެ ނަމަ އެއިން ރައްޔިތުންގެ ތަރައްގީއަށް އެތައް ކަމެއް ކުރެވޭނެ ކަމަށެވެ.
"އެއީ ކިތައް ހޮސްޕިޓަލްގެ ވާހަކަތޯ؟ ކިތައް ބަނދަރުގެ ވާހަކަތޯ؟ ކިތައް ފެނާއި ނަރުދަމާގެ ވާހަކަތޯ؟" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ފައިސާ ނުދައްކައި ތިބި ސިޔާސީ ލީޑަރުންނަށް ހިތްވަރު ދެއްވާ އެހެން ލީޑަރުން ވެސް އެބަ ތިއްބެވި ކަމަށެވެ.
"އެކަމަކު މި ހުރިހާ ސިޔާސީ ލީޑަރުންނަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރަން ނިކުމެ ތިބި މީހުން. އެހެންވީމާ އަޅުގަނޑު ދަނަވަން ބޭނުމީ ދައުލަތަށް ވަންނަން ހުރި ހުރިހާ ފައިސާއެއް ވެއްދުމަކީ އަޅުގަނޑުގެ މި ފަސް އަހަރުގެ ތެރޭގައި ކުރަން ބޭނުންވާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.