14 އޯގަސްޓް 2017 - 19:15

މެޑްރިޑް (އޮގަސްޓް 14) – ސްޕެނިޝް ސުޕަ ކަޕުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އަތުން 3-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ރެފްރީ ކޮއްޕާލާފައިވާތީ އެކަމާ ގުޅިގެން އޭނާ ހަތަރު މެޗަށް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ސަސްޕެންޑްކޮށްފި އެވެ.
ލަނޑު ޖެހުމަށް ފަހު ޖޭޒީ ބޭލުމުން ރީނދޫ ކާޑު ދައްކާފައިވަނިކޮށް، އޭނާ އޭރިއާ ތެރެއަށް ޑައިވްކުރުމުން ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އެކަމާ ގުޅިގެން އެއް މެޗަށް ސަސްޕެންޑްވި އިރު އިތުރު ހަތަރު މެޗުގެ ސަސްޕެންޝަނެއް ދިނީ ރަތްކާޑު ދެއްކުމާ ވިދިގެން ހިތްހަމަޖެހުން ފާޅުކުރުމުގެ ގޮތުން ރެފްރީ ކޮއްޕާލާފައިވާތީ އެވެ. މިއީ މި ކުށަށް ދޭ އެންމެ ލުއި އަދަބެވެ. އޭނާ 12 މެޗަށް ސަސްޕެންޑްކުރުމުގެ އިހުތިޔާރު ވެސް އޮތެވެ. ރޮނާލްޑޯ 4500 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރަން ވެސް ނިންމާފައިވާއިރު މައްސަލަ އިސްތިނާފްކުރުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
ސަސްޕެންޝަނާ ގުޅިގެން ރޮނާލްޑޯ އަށް ސުޕަ ކަޕުގެ ދެ ވަނަ ލެގުގައި ނުކުޅެވޭނެ އެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ކުޅޭ ފުރަތަމަ ހަތަރު މެޗުގައި ހުންނަން ޖެހޭނީ ކުޅިބަލާށެވެ. އެއީ ރަށުން ބޭރުގައި ޑިޕޯޓިވޯ ލަ ކޮރޫނާ އާއި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަމިއްލަ ދަނޑުގައި ވެލެންސިއާ އާއި ލެވާންޓޭއާ ދެކޮޅަށް ކުޅޭ މެޗެވެ. އެންމެ އަވަހަށް ކުޅެން ނުކުމެވޭނީ ސެޕްޓެމްބަރު 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.
ރޭގެ މެޗު ރޮނާލްޑޯ ފެށީ ބެންޗުންނެވެ. ބާސެލޯނާގެ ޖެރާޑް ޕީކޭ އަތުން 50 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑުން މެޑްރިޑަށް ލީޑު ލިބިފައިވަނިކޮށް މެޗުގެ 77 ވަނަ މިނެޓުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ލިއޮނަލް މެސީ އެވެ. ދެ ވަނަ ހާފުގައި އަރައި ރޮނާލްޑޯ ވަނީ 80 ވަނަ މިނެޓުގައި އަލުން ލީޑު ނަގައިދީފަ އެވެ. އޭނާ އަށް ރީނދޫ ކާޑު ދެއްކި މި ގޯލަށް ފަހު ޖާޒީ ބޭލުމުންނެވެ. އޭގެ ދެ މިނެޓު ފަހުން އޭނާ އަށް ރަތްކާޑު ދެއްކީ އޭރިއާ ތެރެއަށް ޑައިވްކުރުމުންނެވެ. އެއާ އެކު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އޭނާ ދިޔަ ގޮތަށް ގޮސް ރެފްރީގައި ބުރަކަށީގައި އަތްއަޅައި ކޮއްޕާލި އެވެ. އެކަކު މަދުކޮށް ކުޅުނު މެޑްރިޑަށް ތިން ވަނަ ލަނޑު ޖަހައިދިނީ 90 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ އެވެ.
ރޮނާލްޑޯ އަށް ދަނޑުމަތިން މައްސަލަތަކެއް ކުރިމަތިވިއިރު އޭނާ އަންނަނީ ދަނޑު ބޭރުގައި ވެސް މައްސަލަތަކާ ކުރިމަތިލަމުންނެވެ. އެގޮތުން އޭނާގެ މައްޗަށް ޓެކްސް އަށް މަކަރުހެދިކަމުގެ ތުހުމަތުކޮށް އެ މައްސަލައިގައި ޝަރީއަތް ވެސް އަންނަނީ ކުރަމުންނެވެ. މި މައްސަލައިގައި ހިތްހަމަނުޖެހިގެން އޭނާ މެޑްރިޑާއި ސްޕެއިން ދޫކޮށްލަން ނިންމި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.