ބޭނުމީ މޮޅެއް، ރީތިކޮށް ކުޅެގެން ލިބޭނެ އިނާމެއް ނެތް: ހޮޖްސަން
ބޭނުމީ މޮޅެއް، ރީތިކޮށް ކުޅެގެން ލިބޭނެ އިނާމެއް ނެތް: ހޮޖްސަން

ނީސް، ފްރާންސް (ޖޫން 27) - މޮޅު އަދި ރީތި ފުޓްބޯޅައެއް ކުޅެގެން ލިބޭނެ އިނާމެއް ނޯންނާނެ ކަމަށާއި އެހެންކަމުން ޔޫރޯގެ ދެ ވަނަ ބުރުގައި މިރޭ އައިސްލެންޑާ ދެކޮޅަށް ކުޅޭއިރު އިންގްލެންޑުން ކޮންމެ ގޮތަކުން ވެސް މޮޅެއް ހޯދަން ވިސްނަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ރޯއީ ހޮޖްސަން ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގައި އިންގްލެންޑް ތިން މެޗު ކުޅުނުއިރު ރަޝިއާ އާއި ސްލޮވާކިއާއާ އެއްވަރުވި އިރު ވޭލްސް އަތުން މޮޅުވި އެވެ.

"އަހަރެމެން ޖެހޭ ތަންކޮޅެއް ނުލަފާވާން. މާ ބޮޑަށް ބަލައިގެން ކުޅޭނެކަމެއް ނެތް. ރީތި ފުޓްބޯޅައެއް ކުޅެގެން، ބަލައިގެން ކުޅެގެން ލިބޭނެ އިނާމެއް ނޯންނާނެ،" ހޮޖްސަން ބުންޏެވެ. "މީގައި އޮންނަނީ މޮޅުވުމާއި ބަލިވުން. އެހެންވީމާ އެބަޖެހޭ ސީދާ ނަތީޖާއެއް ނެރެން."

ހޮޖްސަން ބުނީ މި ވަގުތު ހުރިހާ ފޯކަސް އެއް ކުރަނީ މި މެޗަށް ކަމަށާއި ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭނެ ޓީމެއް ނުވިސްނާ ކަމަށެވެ. އަދި މިރޭ މޮޅުވެގެން ފަހަރުގައި ޓީމަށް ލިބޭ އިތުރު ހިތްވަރާ އެކު އަނެއް ބުރުގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް އޭނާ ބުންޏެވެ.

މި މުބާރާތަށް ފަހު ހޮޖްސަންގެ ކޮންޓްރެކްޓް ހަމަވާއިރު އިނގިރޭސި އެފްއޭ އިން ބުނީ އޭނާ އަށް އާ ކޮންޓްރެކްޓެއް ލިބޭނީ ޔޫރޯގައި ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ ކަމަށެވެ.

"އެފްއޭ އިން ބޭނުން ނަމަ އަހަރެން މިހިރީ ކުރިއަށް ދާން ތައްޔާރަށް،" ހޮޖްސަން ބުންޏެވެ.

އާބާދީގައި ހަތަރު ލައްކަ ހަމަނުވާ އައިސްލެންޑުން ދެ ވަނަ ބުރަށް ދަތުރުކޮށްފައިވަނީ ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު އެވެ. މިއީ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބަލި އެއް ޓީމު ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ހަންގޭރީ އާއި ޕޯޗުގަލާ އެއްވަރުކޮށް އޮސްޓްރިއާ އަތުން މޮޅުވެފަ އެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.