މުޒާހަރާގައި ބައިވެރިވެގެން ވަކިކުރީ ފުލުހުންނެއް ނޫން: ފުލުސް އޮފީސް
މުޒާހަރާގައި ބައިވެރިވެގެން ވަކިކުރީ ފުލުހުންނެއް ނޫން: ފުލުސް އޮފީސް

މުޒާހަރާއެއްގައި ބައިވެރިވެގެން ދެ ފުލުހަކު މަގާމުން ވަކިކުރި ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފުލުސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މުޒާހަރާއެއްގައި ބައިވެރިގެން ވަޒީފާ އިން ވަކިކުރީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ސިވިލް ސަޕޯޓްގެ ދެ މުވައްޒަފުން ކަމަށެވެ. އެ ފިޔަވަޅު އެޅީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ސިވިލް ސަޕޯޓަކީ ފުލުހުންގެ އެކި ދާއިރާތަކަށް އިދާރީ ގޮތުން އެހީތެރިވެދޭ ބައެކެވެ. އެބައިގައި ވަޒީފާ އަދާކުރާ މީހުން ވަކި މުއްދަތެއް ނެތި ވެސް ގެންގުޅެ އެވެ.

ސިވިލް ސަޕޯޓް ބައިގައި މަސައްކަތްކޮށް ފަހުން ފުލުހުންގެ ރަސްމީ ވަޒީފާ ވެސް ބައެއް މީހުން ހޯދަ އެވެ. އެކަމަކު އެއީ، އެނގިފައިވާ ގޮތުގައި، ރަސްމީކޮށް ވަޒީފާ އަށް ހުޅުވާލުމުން ކުރިމަތިލައިގެންނެވެ.

ފުލުހުންނާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ފާޑުކިއުން ބޮޑުވެފައި މިވަނީ ސިޔާސީ އިދިކޮޅު ފަރާތްތައް ބަންދުކޮށްގެންނާއި އަދި ބަންދުނުކޮށް ހިންގާ ތަހުގީގުތައް ގިނަވެފައިވާ ދުވަސްވަރެއްގަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރަކާ ދެކޮޅަށް ދައުވާކުރަން ފުލުހުން މިހާރު ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އިދިކޮޅު އިއްތިހާދުން ބުނާ ގޮތުގައި ގާނޫނާ ހިލާފަށް ފުލުހުން އަމަލްކުރަނީ ސަރުކާރުގެ ނުފޫޒު އޮވެގެންނެވެ.