14 އޯގަސްޓް 2017 - 15:33

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިޓެންޝަން ސެންޓަރުން ފިލި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ހޯދާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ އެ ދެ މީހުން ހޯދީ މާލެ އިން ކަމަށެވެ.
"ފިލި އަނެއް ތިން މީހުން ވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން. ފުލުހުން އެ ދެމީހުން ހޯދީ. އެމީހުން މިހާރު ތިބީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި،" ލުގްމާން ވިދާޅުވި އެވެ.
ކަރެކްޝަންސް އިން ބުނި ގޮތުގައި ފިލާފައި ވަނީ އެކި ތުހުމަތުތަކުގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝްގެ ފަސް މީހެކެވެ. އެ މީހުން ފިލާފައި ވަނީ ޑިޓެންޝަން ސެންޓަރުގައި ޓިނުން ޖަހާފައި ހުރި ފެންސެއް ހަލާކު ކޮށްލައިގެން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އެއީ ހުކުމްކޮށްފައި ތިބި ބައެއް ނޫން ކަމަށާއި އެމީހުން ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައި ތިބީ ފުރުވާލެވެންދެން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.