މިނިވަން ދުވަސް ފާހަގަކުރަން އެންމެ ބޮޑު ދިދަ ޕާކިސްތާނުގައި ނަގައިފި
މިނިވަން ދުވަސް ފާހަގަކުރަން އެންމެ ބޮޑު ދިދަ ޕާކިސްތާނުގައި ނަގައިފި

އިސްލާމްއާބާދު (އޮގަސްޓް 14) - ޕާކިސްތާނުގެ 70 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެކުނު އޭޝިއާގެ އެންމެ ބޮޑު ދިދަ އެ ގައުމުގައި މިއަދު ނަގައިފި އެވެ.

އިންޑިއާ އާއި ޕާކިސްތާން ގުޅޭ އައްތާރީ-ވަގާހު ބޯޑަރު ކައިރީ ނެގި ގައުމީ ދިދައިގެ އުސްމިނުގައި 400 ފޫޓު ހުރެ އެވެ. ދިދައިގެ ބޮޑު މިނަކީ 120*80 ފޫޓެވެ. ޕާކިސްތާނުގެ ރަސްމީ މީޑިއާ އިން ބުނީ މިއީ އެ ގައުމުގެ ތާރީޚުގައި ވެސް ނެގި އެންމެ ބޮޑު ދިދަ ކަމަށެވެ. އަދި މިއީ ދުނިޔޭގެ އަށް ވަނަ އަށް އެންމެ އުސް ދިދަ އެވެ.

ރޭ މެންދަމު 12 ޖެހުމާ އެކު ދިދަ ނެގީ ޕާކިސްތާން ސިފައިންގެ ވެރިޔާ ޖެނެރަލް އުމަރު ޖާވިދު ބަޖްވާ އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބަޖްވާ ވިދާޅުވީ މީގެ 70 އަހަރު ކުރިން ޕާކިސްތާނަށް މިނިވަންކަން ދިން އެއްބަސްވުން ފާސްކުރީ ދިދަ ނެގި ލާހޯރުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ޕާކިސްތާނުގެ މިނިވަންކަން ދިފާއު ކުރުމަށް ވަރަށް ގިނަ ގުރުބާނީތައް ވެފައިވާ ކަމަށާއި ގައުމަށްޓަކައި ޝަހީދުވި މީހުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.