14 އޯގަސްޓް 2017 - 15:04

ކަރާކަސް (އޮގަސްޓް 14) - ވެނެޒުއެލާ އަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފައިން ފޮނުވައިފި ނަމަ ވައިޓް ހައުސް ހިފާނެ ކަމުގެ އިންޒާރު ރައީސް ނިކޮލަސް މަދޫރޯގެ ދަރިކަލުން ދެއްވައިފި އެވެ.
ވެނެޒުއެލާ ސަރުކާރުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އެމެރިކާ ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ވެނެޒުއެލާގެ ރައީސް މަދޫރޯ ގޮތްދޫނުކުރައްވާ ރައްޔިތުންނަށް ބޯހަރުކަން ދައްކަވާ ނަމަ އަސްކަރީ ގޮތުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ.
ޓްރަމްޕަށް ރައްދު ދެއްވުމުގެ ގޮތުން މަދޫރޯގެ ދަރިކަލުން ވިދާޅުވީ އޭނާގެ ގައުމަށް ހަމަލާ ދީފި ނަމަ ވައިޓް ހައުސް އަށް ރައިފަލުން ހަމަލާދީ ހިފާނެ ކަމަށެވެ. އެކަމަކު ވައިޓް ހައުސް ހުންނަ ތަނެއް އޭނާ އަށް އެނގިވަޑައިނުގަންނަވަ އެވެ. ވައިޓް ހައުސް ހިފަން ސިފައިން ފޮނުވާނީ ނިއު ޔޯކަށް ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާގައި އޭނާ ވިދާޅުވި އެވެ.
ޕެންޓަގަންގެ ތަރުޖަމާން އެރިކް ޕަހޮން ވިދާޅުވީ ވެނެޒުއެލާ އަށް ހަމަލާ ދިނުމުގެ ތައްޔާރީތައް ވުމަށް އެއްވެސް އަމުރެއް އަދި ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ބޭނުންވެއްޖެ ނަމަ ހަމަލާ ދޭން ތައްޔާރުވާނެ ކަމަށެވެ.
ގިނަ ބައެއްގެ ރުހުމާ ދެކޮޅަށް ވެނެޒުއެލާގައި މިދިޔަ މަހު ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބާއްވާފައި ވާތީ އެމެރިކާ އިން ވަނީ ވެނެޒުއެލާއާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.