15 އޯގަސްޓް 2017 - 06:10

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ސުޕަކޮމްޕިއުޓަރެއް ނެތެވެ. ބާރުގަދަ މެޝިންތައް ހުއްޓަސް ސުޕަކޮމްޕިއުޓަރަކަށް ދަރަޖަކުރެވޭ ވަރުގެ މެޝިނެއް ނެތެވެ. އެކަމަކު ނާސާއިން ބުނާ ގޮތުގައި، ލަސްތަކެއް ނުވެ، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ސުޕަކޮމްޕިއުޓަރެއް ފޮނުވާނެ އެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ޖައްވުގައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެހާ ދުވަސްވީއިރު ވެސް ނާސާއިން ސުޕަކޮމްޕިއުޓަރެއް އެ ސްޓޭޝަންނަށް ނުފޮނުވީ ކީއްވެބާއޭ ހިތަށް އަރާފާނެ އެވެ. ސަބަބެއް ކަމަށް ގަބޫލުކުރެވެނީ އެޔަށް ބޭނުންނުޖެހޭތީ ކަމަށެވެ.
ނާސާއިން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ސުޕަކޮމްޕިއުޓަރެއް ފޮނުވަން ގަސްދުކުރީ އެ ވަރުގެ ބާރުގަދަ މެޝިނެއް ނެތި ސްޓޭޝަންގައި ކުރަން ހުރި މަސައްކަތްތައް ނުކުރެވޭނެތީއެއް ނޫނެވެ. ޖައްވީ ސްޓޭޝަންގައި ކުރާ ދިރާސާތަކަށް ބޭނުންވާ ކޮމްޕިއުޓިން މަސައްކަތްތަކުގެ ބޮޑުބައި އަބަދު ވެސް ހިންގަނީ ބިމުގައި، ކޮންޓްރޯލް ސެންޓަރުތަކުގަ އެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ސުޕަކޮމްޕިއުޓަރެއް ފޮނުވަނީ ޖައްވީ ދަތުރުތައް ފުޅާކޮށް މާސް އަށް ދަތުރުކުރުމުގައި ސުޕަކޮމްޕިއުޓަރަކަށް ބޭނުންވާނެތީ އެވެ.
ހިއުލެޓް ޕެކާޑް އެންޓާޕްރައިޒްއާ ގުޅިގެން ނާސާއިން އަޖުމަބަލަން އެ އުޅެނީ ޖައްވުގައި ބޭނުންކުރެވިދާނެ ސުޕަކޮމްޕިއުޓަރެކެވެ. ޖައްވުގައި ބޭނުންކުރަން އުފައްދާ ކޮންމެ އެއްޗެއް، ދުނިޔޭގެ އުފެއްދުންތަކާ ތަފާތުކުރަން ޖެހެ އެވެ. ވައި ނެތް މާހައުލުގައި، ޕްރެޝަރަށް އަންނަ ބަދަލުތަކުގައި ހަލާކުނުވެ ދެ މީހުންނަ އެއްޗަކަށް ވާން ޖެހެ އެވެ.
މާސް އަށް ދަތުރުކުރުމުގައި، ސުޕަކޮމްޕިއުޓަރުތަކަކަށް ބޭނުންވެ އެވެ. އެއީ ނިއްވާލަން ނުޖެހި އަހަރަކަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރާ މެޝިނަކަށް ވާންޖެހެ އެވެ. އެހެންކަމުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ސްޕާކޮމްޕިއުޓަރެއް ބަލަހައްޓައިގެން ކުރަން ކަނޑައަޅާފައިވާ ދިރާސާ އަކީ އެއީ އެވެ. އެ ހިސާބު އުހުގައި ސުޕަކޮމްޕިއުޓަރު ދެމިހުންނަނީ ކިހާ ދުވަހަކުތޯ ބެލުމެވެ.