14 އޯގަސްޓް 2017 - 14:07

ލަންޑަން (އޮގަސްޓް 14) – ޗެލްސީން އޭނާއާ މެދު ކަންތައްކުރަމުން އަންނަނީ ކުށްވެރިއަކާ މެދު އަމަލުކުރާ ގޮތަށް ކަމަށް އެ ޓީމުގެ ސްޕެނިޝް ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.
ޗެލްސީން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކޮސްޓާގެ ހިދުމަތް މި ސީޒަނުގައި ބޭނުންނުވާ ކަމަށް ބުނެ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އޭނާ އަށް އެސްއެމްއެސް އަށް ފޮނުވައިފަ އެވެ. ކޮސްޓާ ބުނީ ކްލަބުން މިހާރު އަންގަނީ އޭނާ އެނބުރި އައިސް ރިޒާވް ޓީމާ އެކު ތަމްރީން ހަދަން ކަމަށެވެ.
"އެ މީހުން އަހަރެން ބޭނުންނުވާ ނަމަ ކީއްވެ އަހަރެން ދޫކޮށްނުލަންވީ؟ އަހަރެން އެބަޖެހޭ އަހަންނާ މެދު ވިސްނަން. އަހަރެން ބޭނުންވަނީ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން،" ޑެއިލީ މެއިލާ ވާހަކަދައްކަމުން ކޮސްޓާ ބުންޏެވެ.
އެތުލެޓިކޯ މެޑްރިޑުން 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ފޯވާޑް މިދިޔަ ސީޒަނުގެ މެދުތެރެއިން ޗައިނާ ލީގަށް ބަދަލުވާން އުޅުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ ކޮންޓޭގެ އިތުބާރު އޭނާ އަށް ނެތް ކަމަށް ބެލެވެ އެވެ.
ކޮސްޓާ ބުނީ އޭނާ ހުރީ ކޮންޓްރެކްޓް އާކުރަން ތައްޔާރާށް ކަމަށާއި އެކަމަކު އެކަން މަޑުޖައްސާލީ ކްލަބުން ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ހުރީ ކޮންޓޭ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.
"މޮޅު ކޯޗެއްގެ ގޮތުގައި އަހަރެން އޭނާ އަށް އިހުތިރާމްކުރަން. އޭނާގެ ވަޒީފާ ރަނގަޅަށް އަދާކޮށްފި އަހަންނަށް އެކަން ފެނޭ. އޭނާ އަކީ އޭނާގެ ކުޅުންތެރިންނާ އެހާ ގާތް ކޯޗެއް ނޫން. އޭނާ ވަރަށް ދުރުކޮށް އުޅެނީ،" ކޮސްޓާ ބުންޏެވެ.
ކޮސްޓާ ބުނީ ކޮންޓޭ އޭނާ އަށް ފޮނުވި އެސްއެމްއެސް ޑިލީޓްނުކުރާ ކަމަށާއި އޭނާ ދޮގުހަދާ ކަމަށް ބުނާ ނަމަ އެ އެސްއެމްއެސް ދައްކާލަން ތައްޔާރަށް ހުރި ކަމަށެވެ.
"އަހަރެން މަޑުކޮށްގެން މިހިރީ ޗެލްސީން އަހަރެން ދޫކޮށްލަންދެއް. އަހަރެން ބޭނުމެއް ނުވި ކުރިން ކްލަބް ދޫކޮށްލަން. އަހަރެން ހުރީ އުފަލުން. އެކަމަކު ކޯޗު ބޭނުންނުވާ ނަމަ އަހަރެން ދެން ޖެހޭނީ ދާން،" ކޮސްޓާ ބުންޏެވެ.
ކޮސްޓާ ބޭނުންވަނީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމަށެވެ. އެކަމަކު ފީފާ އިން އެ ޓީމަށް ދީފައިވާ އަދަބަކާ ގުޅިގެން، އެ ޓީމަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ ޖެނުއަރީ މަހު އެވެ. އޭނާ ޖެނުއަރީ މަހުގެ ނިޔަލަށް ލޯން އުސޫލުން ދޫކުރަން އެތުލެޓިކޯ އިން ބޭނުންވި ނަމަވެސް އެހާ ކުރު މުއްދަތަކަށް ލޯން އުސޫލުން ގެންނަން ކްލަބްތަކުން ބޭނުންވާނެ ކަމަށް ނުބެލެވެ އެވެ. އަނެއްކޮޅުން ވޯލްޑް ކަޕް ކުރިއަށް އޮތުމާ އެކު ހަ މަސް ދުވަހު ނުކުޅެ ހުންނަން ޖެހުމަކީ ކޮސްޓާ އަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.